އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ގޮވާލައި ހުށަހެޅި ގަރާރު މިފަހަރު ވެސް ވީޓޯ ކުރީ އެމެރިކާއިން އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ގޮވާލައި ހުށަހެޅި ގަރާރު މިފަހަރު ވެސް ވީޓޯ ކުރީ އެމެރިކާއިން

ފަލަސްތީނުގެ ގައްޒާއަށް އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު އަނެއްކާ ވެސް އެމެރިކާއިން ވީޓޯ ކޮށްފި އެވެ.
މި ގަރާރު ފާސްކުރުމަށް ސެކިއުރިޓީ ކައުންސިލުގައި ދެން ހިމެނޭ 14 ގައުމުން ވޯޓު ދިނެވެ. މި ގަރާރަށް ވޯޓު ނުދިނީ ހަތިޔާރުތައް ބަހައްޓައި އަމާން ދިނުމަށް ހަމާސްއަށް ގޮވާނުލާތީ ކަމަށް އެމެރިކާއިން ބުންޏެވެ. އޭގެ އިތުރުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އެމެރިކާ އިސްވެ އޮވެ ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅޭނެ ކަމަށް އެ ގައުމުން ބުނެ އެވެ.
އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދީ އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންނެވެ. އެއްވެސް ޝަރުތެއް ކުރުމެއް ނެތި ދާއިމަށް ދެމިގެންދާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން އިޒްރޭލުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
މި ގަރާރު އެމެރިކާއިން ވީޓޯ ކުރުން ހަމާސްއިން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ގަރާރުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރަން ވެސް ގޮވާލާފައި ވެ އެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން މުޅި ގައްޒާ ސުންނާފަތި ކުރުމަށް އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި 54،000 މީހުންނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ