އާމިރުގެ މަންމަ ޒީނަތު ވެސް 'ސިތާރީ ޒަމީން ޕަރު'ގައި
މި މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ އިންޑިއާގެ އެކްޓަރު އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"އިން އެކްޓަރުގެ މަންމަ ޒީނަތު ޚާން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާނެ ކަމަށް އާމިރު ބުނެފިއެވެ. މި ފިލްމާ ގުޅޭ ޕްރޮމޯޝަންތައް ކުރިއަށްދިޔަ ހަފުލާއެއްގައި މީޑިއާ ރިޕޯޓަރުންނާ ވާހަކަދައްކަމުން އާމިރު ބުނީ، މި ފިލްމަކީ ވަރަށް ގިނަ ގޮތްގޮތުން އެކްޓަރަށް ޚާއްސަ އަދި ވަރަށް ގިނަ ޖަޒުބާތުތަކެއް އޭގައި އެކުލެވޭ ފިލްމެއް ކަމަށެވެ. މި ހަފުލާގައި ވާހަކަދައްކަމުން އާމިރު ބުނީ، މި ފިލްމުގެ ވަރަށް ހާއްސަ ލަވައަކުން އޭނާގެ 91 އަހަރުގެ މަންމަ ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. އެ ލަވައިގެ މަންޒަރުތައް މަންމަ ޒީނަތު ހިމަނައިގެން ޝޫޓުކުރިއިރު ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށާއި އެއީ ހަޔާތުގައި އައި އެންމެ ޖަޒުބާތީ އަދި ވަރަށް ބޮޑު އުފަލެއް ހާސިލުވި ވަގުތުކޮޅު ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރު މަންމަ ޒީނަތު ޚާން އަދި އެކްޓަރުގެ ދައްތަ ނިކްހަތު ހާންއާ އެކު--ފޮޓޯ/ޕިންކްވިލާ އާމިރުގެ މަންމަ ޒީނަތުގެ އިތުރުން ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން އާމިރުގެ ދައްތަ ނިކްހަތު ޚާން ވެސް ފެންނާނެއެވެ. ނިކްހަތު މީގެ ކުރިން ވެސް ވަނީ ވަރަށް ގިނަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިފައެވެ. ފިލްމުގައި މަންމަ ޒީނަތު ހިމެނުމަކީ ކުރިން އެއްވެސް ވަރަކަށް ރޭވިގެން ކުރިއަށްދިޔަ ކަމެއް ނޫން ކަމަށް އާމިރު ވަނީ ބުނެފައެވެ. އެ ހާދިސާގެ ވާހަކަކިޔައިދެމުން އެކްޓަރު ބުނީ، ފިލްމުގެ އެންމެ ފަހު ލަވަ ޝޫޓުކުރި ދުވަހު މަންމަ ޒީނަތުގެ ފޯނު ކޯލެއް އައި ކަމަށެވެ. މަންމަ ޒީނަތަކީ އާއްމުކޮށް ފިލްމު ސެޓުތަކަށް ޒިޔާރަތްކުރާ މީހެއް ނޫން ކަމަށާއި ނަމަވެސް އެ ދުވަހު އެދުނީ އާމިރު ސެޓަށް ގެންދިއުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭ ހިމެނޭ އާމިރު ޚާންގެ މަންމަ ސެޓަށް ޒިޔާރަތްކުރި ދުވަހު ކުރިއަށްދިޔައީ ކައިވެނީގެ ހަފުލާއަކާ ގުޅޭ ލަވައަކަށްވުމުން އެއީ ވަރަށް އުފާވެރި މަންޒަރުތަކެއް ފެންނާނެ ލަވައެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. ފިލްމުގެ އެ ލަވައިގައި މަންމަ ޒީނަތު ހިމެނުމަކީ ހަގީގަތުގައި ޑައިރެކްޓަރު ޕްރައްސަންނާގެ ޚިޔާލެއް ކަމަށާއި މަންމަ ފިލްމުގައި ހިއްސާ ކުރުވުމަކީ މީގެ ކުރިން ވެސް ވަރަށް ބޭނުންވި ކަމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. އާމިރު ޚާން ބާސްކެޓް ބޯޅަ ކޯޗެއްގެ ރޯލް ކުޅޭ މި ފިލްމަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ އަދަދެއްގެ ކުދިންތަކެއް ބޮލީވުޑަށް ތައާރަފުވެގެންދާނެ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ