ބައްޕަ އާމިރުގެ ފަރާތުން އެކްޓިންގް ޓިޕްސް ހޯދުމަކީ ފަސޭހަ ކަމެއް ނޫން: ޖުނައިދު ޚާން

އެކްޓަރު އާމިރު ޚާންގެ ދަރިފުޅަށް ވީތީ ފިލްމު އިންޑަސްޓްރީގައި ބައެއް ކަންކަން ފަސޭހަވި ނަމަވެސް ބައްޕަގެ ފަރާތުން އެކްޓިން ޓިޕްސް ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށް އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ބުނެފިއެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ 'ސްޓާ ކިޑްސް'އާ ދެކޮޅަށް ބަޔަކު މީހުން 'ނެޕޮޓިޒަމް' އައްޑަނައަކަށް ނެރެފައިވީ ނަމަވެސް ޖުނައިދު އަކީ އަބަދުވެސް ހަގީގަތާ އެއްގޮތަށް އިންޓަވިއުތަކުގައި ވާހަކަ ދައްކާ ޒުވާނެކެވެ. އެގޮތުން ބޮލީވުޑްގެ އޭ ލިސްޓު އެކްޓަރުންގެތެރޭ ހިމެނޭ އާމިރުގެ ދަރިފުޅަށްވީތީ އިންޑަސްޓްރީގައި ކަންކަން ފަސޭހަވާ ކަމަށް ޖުނައިދު އެއްބަސްވެއެވެ. ޖުނައިދު ޚާން ބައްޕަ އާމިރު ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ އޭގެ މިސާލެއްގެ ގޮތުގައި ޖުނައިދު ބުނެފައި ވަނީ، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދިތިޔަ ޗޯޕްރާ އަކީ ޖުނައިދު މަސައްކަތްކުރާ ޕްރިތުވީ ތިއޭޓަރަށް އޭނާގެ ޕާފޮމެންސް ބަލަންދާނެ މީހެއް ނޫންކަމަށެވެ. އެހެންނަމަވެސް އާމިރުގެ ދަރިއަކަށްވީތީ އަދިތިޔައަށް ޖުނައިދު އެނގޭނެ ކަމަށާއި އެއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ޖުނައިދު ބުންޏެވެ. ޖުނައިދު ބުނި ގޮތުގައި ކުރިއާ އަޅާ ބަލާއިރު އާމިރުގެ އެކްޓިންގްއާ ޖުނައިދުގެ އެކްޓިންގްއާ އަޅާކިޔާ މިންވަރު މަދުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޖުނައިދަކީ ވަރަށް މުއްސަނދި އާއްމުންގެ ލޯތްބާއި ގަދަރު ލިބިފައިވާ އާއިލާއަކުން އައިސްފައިވާ މީހެއް ނަމަވެސް އާމިރުގެ ދަރިއަކަށްވީތީ އެކަމަށް ނިސްބަތްކޮށް ޖުނައިދުގެ އެކްޓިންގްއަށް ގޮތްކިޔަން ވެއްޖެނަމަ އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމުގައި ޖުނައިދު ވަނީ ބުނެފައެވެ. ޖުނައިދު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ފިލްމު "މަހާރާޖް"ގެ ބަތަލާއިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު އިންޑަސްޓްރީއާ ގުޅުމުގެ ކުރިން ބައްޕަ ގާތު އެ ވާހަކަ ބުނުމުން ޖުނައިދަކީ ފިލްމު ކުޅުމުގެ ގާބިލުކަން ހުރި މީހެއްކަމަށް ފުރަތަމަ އާމިރަށް ގަބޫލުވެސް ނުކުރެވުނު ކަމަށް ޖުނައިދު ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމު "މަހާރާޖް"އަކީ ބޮޑު ފިލްމެއް ކަމުން އެ ފިލްމާ މެދު ޔަގީންކަން އޮތްތޯ ވެސް އާމިރު އެހި ކަމަށް ޖުނައިދު ވަނީ ބުނެފައެވެ. ނަމަވެސް ފިލްމަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބާ އެކު ޖުނައިދާ މެދު ދެކޭގޮތް އާމިރު ބަދަލުކުރި ކަމަށް ދެ ފިލްމުން ބެލުންތެރިންނަށް ފެނިފައިވާ އެކްޓަރު ވަނީ ބުނެފައެވެ. ފިލްމުތަކާ ގުޅޭގޮތުން އާމިރުގެ އެހީއަކަށް ނުވަތަ މަޝްވަރާއަކަށް ބޭނުންވެއްޖެނަމަ އެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށާއި ނަމަވެސް އާމިރުގެ ފަރާތުން އެކްޓިންގް ޓިޕްސް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޖުނައިދު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ