ފޭކް ސަނަދުތަކުގެ މައްސަލަ ކަންބޮޑުވާވަރަށް އިތުރުވެއްޖެ: އެމްކިއުއޭ

ފޭކް ސަނަދުތައް ދައުރުވަމުންދާ މައްސަލަ މިހާރު
ކަންބޮޑުވާވަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ
(އެމްކިޔުއޭ) އިން ހާމަކޮށްފިއެވެ.
އަސްލެއްނެތް ސަނަދުތަކުގައި އަސްލެއްކަމަށް
އަންގައިދޭ ތަތްގަނޑު ޖަހައިގެން ބޭނުންކުރަމުންދާ މައްސަލަތަކެއް މިދިޔަ ދެ
އަހަރެއްހާދުވަހުވެސް ފެންމަތިވިއެވެ. އެގޮތުން 2023 އަހަރުގެ ތެރޭގައި ފޭކް އޯލެވެލް
އަދި އޭލެވެލް ސެޓްފިކެޓްތައް ހެދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާ
ގުޅިގެން އޭރު، އެމްކިއުއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އެދި ބަޔާނެއްވެސް
ނެރެފައެވެ.
ފޭކް ސަނަދުތަކުގެ މައްސަލާގައި ވޮއިސްއާ
މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް
ފިޒާނާ ރަޝީދު ވިދާޅުވެފައިވަނީ، މި ފަހަކަށް އައިސް ކަންބޮޑުވާވަރަށް ފޭކް
ސަނަދުތަކުގެ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން
މިދިޔަ އަހަރު އެކަނިވެސް އެމްކިއުއޭއަށް ފޭކް ސަނަދުގެ 5 މައްސަލައެއް އަދި އަހަރުގެ މިހާތަނަށް ހަތަރު މައްސަލައެއް ހުށަހެޅިފައިވާކަމަށާއި، އެހާވަރަށް އެ އޮތޯރިޓީއަށް އެ މައްސަލަ އަންނާނީ
މުޖުތަމައުގައި ފޭކް ސަނަދުތައް މުޖުތަމައުގައި ދައުރުވާތީކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ފޭކު ސަނަދާ ގުޅޭގޮތުން
ހަފްތާއަކު މަދުވެގެން މައްސަލައެއް ރިޕޯޓްކުރާކަމަށާއި، ފޭކް ސަނަދުތަކާ
ގުޅޭގޮތުން އެމްކިއުއޭއަށް ލިބުނު މައްސަލަތައް ބެލުމަށް ފުލުހުންގެ އިދާރާއަށް
ފޮނުވާފައިވާކަމަށެވެ. މިފަދަ މައްސަލަތައް ފުލުހުންގެ އިދާރާއަށް ފޮނުވިނަމަވެސް،
މައްސަލަ ބެލުމުގައި ފުލުހުންގެ މުއައްސަސާއިން މައްސަލަ ލަސްވަމުންދާކަން ފިޒާނާ
ވަނީ ފާހަގަކުރައްވާފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން
ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ ތަންތަނުން ދޫކުރާ
ސެޓިފިކެޓްތަކުގައި "ރިކޮގްނިޝަން"
ތަތްގަނޑުޖެހުން 2016 ވަނަ އަހަރު ހުއްޓާލާފައެވެ. އެއާއެކު ދަރިވަރަކު
އެއްކޮލެޖުން އަނެއް ކޮލެޖަށް ވަނުމަށް ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ
ސައްހަކަން ކަށަވަރުކުރުމަށް ޖަހަމުންދަނީ އެސެސްޓޭޝަން ތަތްގަނޑެކެވެ. ގިނަ
ފަހަރަށް އެ ސެސްޓޭޝަން ތަތްގަނޑު ޖަހައިދެނީ ކޮންމެވެސް ލޯޔަރެކެވެ.
މިހާރަކަށް އައިސް ފޮޓޯކޮޕީ ނަގައިދޭ ބައެއް
ތަންތަނުންނާއި ގުޅާލުމުން އެމީހަކު ހުރިތަނަށް އައިސް އެސެސްޓޭޝަން ތަތްގަނޑު
ޖަހައިދޭ މީހުން އުޅޭއިރު، ފޯޖްކޮށްފައި ހުންނަ ސެޓްފިކެޓްގައި އެ ތަތްގަނޑު ޖަހައި
ހުށަހެޅުމުން އެއީ ރަނގަޅު ސެޓްފިކެޓެއްތޯ ކޮލެޖްތަކަށް ކަށަވަރުކުރެވޭނެ ގޮތެއް
ނޯވެއެވެ.
ފިޒާނާ ވިދާޅުވީ އެބީދައިން ދައުރުވާ ސަނަދުތައް ވަރަށްގިނައިން
ހުންނާނެކަން ގަބޫލުކުރެވޭކަމަށާއި، އަސްލެއްނެތް ސަނަދުތައް ބޭނުންކޮށްގެން
ވަޒީފާގައި ތިބި މީހުންގެ އަދަދު ގިނަވާނޭކަމަށް މިހާރު ބެލެވޭކަމަށެވެ. ފިޒާނާ ވިދާޅުވީ މިހާރު ކޮލެޖްތަކުންވެސް ކޯހަށް ވަނުމަށް ދަރިވަރުން ހުށަހަޅާ ސަނަދުތައް އަސްލުތޯ
ބެލުމަށް ހުށަހަޅަމުންދާ ކަމަށާއި، އެގޮތަށް ހުށަހެޅޭ ސަނަދުތަކުންވެސް ފޭކް ސަނަދުތައް
ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށެވެ.
"ކޮލެޖްތަކުގެ ޕްރޮގްރާމް އޮޑިޓުންވެސް ފޭކް ސަނަދުތަކުގެ
މައްސަލަ އެބަ ފާހަގަވޭ. ތަންތަނުން ހުށަހަޅާ މިފަދަ ސަނަދުތަކުގައި އޮޅުވާލުން
ހިމެނޭނަމަ އަޅުގަނޑުމެން އެ ސަނަދެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން"
ފިޒާނާ ވިދާޅުވިއެވެ.
ފޭކް ސަނަދަށް ބިނާކޮށް އޭގެ މައްޗަށްހުރި
ޕްރޮގްރާމްތައް ފުރިހަމަކުރިނަމަވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލްތައް
އޮންނަގޮތުން ކިޔެވި ހުރިހާ ޕްރޮގްރާމެއްގެ ސެޓްފިކެޓްތައް ބާތިލްވާނެއެވެ. އެމްކިއުއޭއިން
ވަނީ މިގޮތަށް ފާހަގަކުރެވުނު ބައެއް މީހުންގެ ސެޓްފިކެޓްތައް ބާތިލްކޮށް އެފަދަ
މައްސަލަތައް ބެލުމަށްވެސް ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހަށް
ހުށަހަޅާ މިފަދަ މައްސަލަތައް ލަސްވަމުންދާތީ އެމްކިއުއޭއިން ވަނި ކަންބޮޑުވުން
ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ