ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 25) - ފީފާ ކްލަބް ވޯލްޑް ކަޕްގެ މެޗުތައް އެމެރިކާގައި މިހާރު ކުރިއަށްދާއިރު، މެޗުތައް ކުޅޭ ބައެއް ދަނޑުތަކުގައި ބޯޅަ ބައުންސްވަނީ މުސަޅެއް ހެން ކަމަށް ބުނެ، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ފާޑުކިޔައިފި އެވެ.
މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން ވަނީ 4-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ޕީއެސްޖީ 1-0 އިން ބްރެޒިލްގެ ބޮޓަފޯގޯ އަތުން ބަލިވިއިރު، ތިން ވަނަ މެޗުން ވަނީ، އެމެރިކާގެ ސިއޭޓަލް ސައުންޑާސް އެފްސީ އަތުން 2-0 އިން މޮޅުވެފަ އެވެ.
ސިއޭޓަލް އަތުން މޮޅުވި މެޗަަށް ފަހު، އެންރީކޭ ބުނީ، އެ މެޗު ކުޅުނު ދަނޑާއި އެމެރިކާގައި މި ފަހަރު ކްލަބް ވޯލްޑް ކަޕް ކުޅޭ ގިނަ ދަނޑުތަކެއްގައި އޮތީ އެންމެ ރަނގަޅު ފުޓްބޯޅައެއް ކުޅެވޭނެ ޕިޗެއް ނޫން ކަމަށެވެ.
"އަހަންނަށް ވަރަށް މުހިންމު މެޗުތައް ކުޅޭ ޕިޗްގެ ހާލަތު، އަހަރެން މި ގޮތަށް މި ބުނަނީ ރަނގަޅު ފުޓްބޯޅަ އެއް ކުޅެން ބޭނުންވާތީ، ޔޫރަޕްގައި ހުރި ޕިޗްތަކާއި މި ތަން ވަރަށް ތަފާތު، ބޯޅަ ބައުންސްވަނީ ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް، ގާތްގަނޑަކަށް މުސަޅެއް އުޅޭހެން،" އެންރީކާ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
"މިސާލަކަށް ބުނަންޏާ، މި ދަނޑަކީ ކުރިން އާޓިފިޝަލް ޓާފެއް އޮތްތަނެއް، މިހާރު ނެޗުރަލް ގްރާސް، (ހައިބްރިޑް ގްރާސް) އަށް މި ބަދަލުކުރީ. އެކަމަކު މި ދަނޑަށް ފެން ޖަހަންޖެހޭނެ ނިޒާމެއް ރަނގަޅަށް ނެތް، އެ މީހުން ފުރަތަމަ ހާފު ނިމުމުން ފެން ޖެހި، އެކަމަކު، ހޫނު ގަދަވުމުން 10 މިނިޓް ތެރޭ ހިކި، ކުރީގެ ހާލަތަށް ގޮސްފި،"
އެންރީކޭ ބުނީ، އެމެރިކާގައި އެންމެ ރަނގަޅަށް ވަރުގަދަ އަށް ކުރިއަށްދާ ކުޅިވަރު ކަމަށްވާ ބާސްކެޓްބޯޅައިގެ މެޗެއް ހަލާކުވެފައި ނޫނީ މައްސަަލަަތަކެއްހުރި ކޯޓެއްގައި ނުކުޅޭނެ ކަމަށެވެ.
"ލޯވަޅުތަކެއް އެޅިފައި ހުރި ކޯޓެއްގައި، އަހަރެމެން މި ކުޅޭ ދަނޑުގައި ބޯޅަ އުޅެނީ މުސަޅެއް އުޅޭހެން، ބޯޅަ އަކަށް ވުރެ ބޮޑަށް، އަހަރެމެން މި ކަމަށް ފާޑުކިޔަން ޖެެހެނީ މީގެ އަސަރު އަހަރެމެންގެ ކުޅުމަށް ކުރާތީވެ،" ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.
ޕީއެސްޖީން ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ކުޅެން ޖެހުނީ އިންޓަ މިއާމީއާ އެވެ. އެ މެޗު އޮތީ މި މަހު 29 ވަނަ ދުވަހު އެވެ،
"އެމެރިކާ ދަނޑުތަކުގައި ބޯޅަ ބައުންސްވަނީ މުސަޅެއް ހެން" "އެމެރިކާ ދަނޑުތަކުގައި ބޯޅަ ބައުންސްވަނީ މުސަޅެއް ހެން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ