އެޕާޓްމެންޓަކުން 51 ޕެކެޓުގެ ޑުރަގާއި ގިނަ އަދަދެއްގެ ފައިސާއާއެކު، ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެ ސަރަހައްދުގެ އެޕާޓުމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 51 ޕެކެޓާއި ގިނަ އަދަދެއްގެ ފައިސާއާއެކު، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ޖުމުލަ ހަތަރު މީހުންނެވެ. އެ ހަތަރު މީހުން ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ: ދ. ކުޑަހުވަދޫ، އުނިމާގެ، 28 އަހަރުގެ އަމާނަތު ޖަލީލު ހުޅުމާލެ ފްލެޓް ނަމްބަރު 04-ޖީ-10، 44އަހަރުގެ ޖަޢުފަރު އަބްދުﷲ ނ. މާޅެންދު، ފެހި އައްސޭރި، 32 އަހަރުގެ އަޙްމަދު ރިސްފާން ހުޅުމާލެ ފްލެޓް ނަމްބަރު 04-ޖީ-10، 49 އަހަރުގެ ޢަލީ ޢަބްދުﷲ އެ ހަތަރު މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުން، އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ވިއްކައި، ވިޔަފާރި ކުރި ކަމުގެ ތުހުމަތެވެ. ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެމީހުން ކުށްކުރި ކަމަށް ކޮންމެވެސް ވަރަކަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް އަމުރުގައިވެއެވެ. އޭގެތެރޭގައި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، އެމީހުން ތިބި އެޕާޓުމަންޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ ރަބަރު ޕެކެޓު ފެނުން ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން، އަމާނަތާއި ޖައުފަރާއި ރިސްފާންގެ އަމުރުގައި މައްސަލައިގެ މާ ބޮޑު ތަފުސީލެއް ބަޔާންކޮށްފައެއް ނުވެއެވެ. އެ އަމުރުތަކުގައި ވަނީ، އެމީހުން ހައްޔަރުކުރި އެޕާޓުމަންޓުގައި މަސްތުވާތަކެތި ހުރީ ހާމައަށް ބަހައްޓާފައި ކަމަށެވެ. އެކަމުގައި ގިނަ އަަދަދެއްގެ މީހުން ބައިވެރިވެފައިވާ ކަމަށާއި އެ ތިން މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކޯޓު އަމުރުގައިވެއެވެ. އެއީ ކޮން މަސްތުވާއެއްޗެއް ކަމެއް ހާމަކޮށްފައިނުވެއެވެ. އެ މައްސަލައިގެ އިތުރު ތަފްސީލުތައް ބަޔާންކޮށްފައި އޮތީ އަލީ އަބްދުﷲގެ ބަންދު އަމުރުގައެވެ. އެ މައްސަލަ ތަހުގީގު ކުރައްވާ އޮފިސަރު (އައިއޯ)އާ ހަވާލާދީ ކޯޓު އަމުރުގައި ވަނީ، އެ ސީނުގައި އަލީ އަބްދުﷲގެ އިތުރަށް މީހުން ތިބި ކަމަށާއި ހާމައަށް ފެންނަ ގޮތަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަމަށާއި އެތަކެތި ބަންދުކުރާ އާލާތްތައް ވެސް ފެނުނު ކަމަށެވެ. އެގޮތުން، އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 51 ރަބަރު ޕެކެޓާއި ގިނަ އަދަދެއްގެ ފައިސާ ފެނުނު ކަމަށް އައިއޯ ވިދާޅުވިއެވެ. އިތުރަށް އެއަމުރުގައި ވަނީ، ކޯޓުގައި އަލީ އަބްދުﷲ ވަކީލެއްގެ ފުރުސަތު ބޭނުންކަމަށް ބުނެފައިވާތީ ވަކީލަކު އައްޔަނުވުމުން ބަންދު މުރާޖާކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުން ކަމަށްވާއިރު، މިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1،673 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވެއެވެ. އެއީ ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން ވައްކަމާއި ޓްރެފިކް އެކްސިޑެންޓަށް ފަހު އެންމެ ގިނައިން ރިޕޯޓުކުރި މައްސަލައެވެ. މި އަހަރުގެ މިހާތަނަށް ފުލުހުންނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 854 މައްސަލަ ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ