ބާރު ސްޕީޑުގައި ގޮސް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ބާރު ސްޕީޑުގައި ގޮސް ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މިރޭ 8:20 އެހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުން ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާކަމަށެވެ.
އަދި މައްސަލައާ ގުޅިގެން، އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ހަލީލް އަބްދުﷲ (18 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާ ވެފައިވާ ކަމަށާއި ޔޫނުސް ހަލީލް އަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ނެތް ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ