ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްގެން ތިމާވެއްޓަށް އެހީ ވެވޭނެ

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކަށް ވަކި އަދަދެއް ކަނޑައަޅާ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ހޭދަ ކުރާ ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - އީއެންވީ ޕޮސްގެ ނަމުގައި ބޭންކުން ފެށި މި ޕްރޮގްރާމްގެ ދަށުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން، ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ އެވެ.
ތަފްސީލް - މި ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ.
ތަފްސީލް - ތަފާސް ހިސާބުތަކަށް އިޝާރާތް ކުރައްވާ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އީއެންވީ ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު އަހަރަކު 5.5 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.
" މުއާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް ދާނީ އިތުރުވަމުން." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުއާމަލާތަކާއެކު، ދިގު މުއްދަތުގެ ދެމެހެއްޓެނިވި މަސައްކަތެއް ހިނގަމުން ދާނެ ކަމަށެވެ."އަޅުގަނޑު ހަމަ ކޮންމެ ފަރުދަކަށް، ކޮންމެ ވިޔަފާރިއަކަށް، އަދި ކޮންމެ މުޖުތަމައަކުން އެދެނީ ތިޔަބޭފުޅުން ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލަން. އެއީ ކާބޯތަކެތި ގަތުން، ރެސްޓޯރަންޓަކަށް ފައިސާދެއްކުން. ނުވަތަ އެހެން ހިދުމަތަކަށް ފައިސާ ދެއްކުން ކަމުގައިވިޔަސް ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ހިޔާރުކުރެއްވުމަށް ދަންނަވަން." ޝަރީފް  ވިދާޅުވިއެވެ.
އެންވީ ޕޮސް ޕްރޮގްރާމުގެ ފައިސާ ބޭނުންކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫއުތަކަށް ކަމަށް ބޭންކުން ބުންޏެވެ.
މި ފަދަ މަޝްރޫޢުތަކުގެ ތެރޭގައި:
ރީސައިކަލްކުރުން
 ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތައް
ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް
ބީއެމްއެލް އިން ބުނީ ގައުމީ ބޭންކްގެ ހައިސިއްޔަތުން އެ ބޭންކުން އިން އަބަދުވެސް އޮންނާނީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ، އަދި އިގްތިސާދީ ތަރައްގީގައި ބައިވެރިވާ ބޭންކެއްގެ ގޮތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ