ޝިޕްމެންޓު ނުލިބޭތީ އެޑްވާންސަށް ދެއްކި ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރަން: މޯލްޑިވް ގޭސް

މޯލްޑިވް ގޭހަށް ގޭސް ސަޕްލައިކޮށްދޭ ސަޕްލަޔަރަށް އެޑްވާންސް ފައިސާގެ ގޮތުގައި ފައިސާ ދެއްކި ނަމަވެސް ގޭސް ސަޕްލައިކޮށް ނުދޭތީ އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ -ރާއްޖެއަށް ގޭސް އެތެރެކުރަން މޯލްޑިވް ގޭހުން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ފައިސާ ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ތަފްސީލް - އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެ މައްސަލަ ފެންމަތި ކުރިވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
މޯލްޑިވް ގޭހުން ގޭސް ގަންނަން ބޭރުގެ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް ގޭސް ނުލިބި އަދި ފައިސާ ވެސް އަނބުރާ ނުހޯދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލާގައި މޯލްޑިވް ގޭހުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އެ ކުންފުނިން ގޭސް ގަތުމުގެ މުއާމަލާތް ކުރަނީ ކުންފުނީގެ ޕްރޮކިޔުމެންޓު ޕޮލިސީތަކާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް ޖަހައި، "ޑެލިވަރީ ލޭކަން އަށް" މީޓުވާ އަދި އެންމެ އަގުހެޔޮކޮށް ގޭސް ފޯރުކޮށްދޭ ސަޕްލަޔަރާ އެކު އެ މުއާމަލާތް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު ފެންމަތިވެގެން އުޅޭ ޝިޕްމެންޓުގެ އެޑްވާންސް ފައިސާގެ ގޮތުގައި ސަޕްލަޔަރަށް ޖުމްލަ ޝިޕްމެންޓުގެ %30 އަށް ވާ ފައިސާ ދައްކާފައިވާނެ ކަމަށާއި ނަމަވެސް ޝިޕްމެންޓު ޑެލިވާ ކުރަން އޮތް މުއްދަތު ހަމަވެ ފަހަނައަޅާގޮސްފައިވާތީ އެޑްވާންސް ފައިސާ އަނބުރާ މޯލްޑިވް ގޭހަށް ދައްކަން ސަޕްލަޔަރަށް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސަޕްލަޔަރާ އެކި ފަހަރުމަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ އަނބުރާ ރައްދުކޮށްފައިނުވާކަން ފާހަގަކޮށް މޯލްޑިވް ގޭހުން ބުނީ އެކަމުގައި ކުރިއަށް ދިޔުމަށް މިހާރު ގާނޫނީ މަރުހަލާ ފަށާފައިވާ ކަމަށެވެ. އަދި އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ ކުންފުނީގެ ގާނޫނީ ޓީމުން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެނގުން މުހިއްމު - އިއްޔެގެ ކޮމެޓީގައި މެންބަރު ނާޒިމް ވިދާޅުވީ ފައިސާ ގެއްލުނު މައްސަލަ ހިނގީ މިދިޔަ އޮކްޓޯބަރު މަހު ކަމަށެވެ.
ގެއްލިގެން އުޅެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނާޒިމް ވިދާޅެއް ނުވެ އެވެ.
ނަމަވެސް 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ގޭސް ގަންނަން ކަމަށް ބުނެ ބޭރުގެ ކުންފުންޏަކަށް މޯލްޑިވް ގޭހުން ދެއްކީ 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އެވެ.
މޯލްޑިވް ގޭހުގެ ފައިސާތަކެއް ގެއްލުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ރޭ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ