ލޯބިންއަށް "ލޮލުގެ ޖަޒުބާތުން" އާ ވާޝަނެއް
ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ފުރަތަމަ ލަވަ "ލޮލުގެ ޖަޒުބާތުން" ރިލީޒްކޮށްފިއެވެ. ފިލްމުގެ މަސައްކަތް މިހާރު ނިމިފައިވާއިތު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޯގަސްޓުގެ ތެރޭގައި ފިލްމު އެޅުވުމަށެވެ. އައިފިލްމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ޕްރިމިއާ ކުރާނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހެވެ. އައިފިލްމްސް އިން ފިލްމު ނެރުމަށް ތައްޔާރުވާއިރު ދާދިފަހުން ވަނީ ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކޮށްފައެވެ. އެ ލަވައަކީ "ލޮލުގެ ޖަޒުބާތުން" އެވެ. "ލޮލުގެ ޖަޒުބާތުން" ކިޔާފައި ވަނީ "ލޯބިން" ގެ އެއް ލީޑް އެކްޓަރު އަހުމަދު އިފްނާޒް ފިރާގެވެ. މި ލަވައިން ފެނިގެންދާނީ ފިލްމުގެ އިތުރު ލީޑު ރޯލުން ފެންނަ ތާތި އާދަމް އާއި އަހުމަދު ޝަރީފެވެ. މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ފުރުގާން (ފުޖީ) އެވެ. މި ފިލްމުގައި ބޭނުންކޮށްފައިވާ ލަވައަކީ މީގެކުރީން ކިޔާފައިވާ ލަވައެކެވެ. ހަމަ މި ނަން ކިޔާފައިވާ ލަވަ އޮރިޖިނަލް ލަވަ ތައްޔާރު ކޮށްފައިވަނީ އަދި މުހައްމަދު ޝުހައިލް އެވެ. ދެހާހުގެ ކުރީކޮޅު ނެރުނު މި ލަވައިގެ މިއުޒިކް ވީޑިއޯއިން ފެންނަނީ ދިވެހީންގެ މެދުގައި މަގުބޫލު އެކްޓަރުންނެވެ. އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި މަރިޔަމް ނިޝާއެވެ. ފިލްމުގެ ފުރަތަމަ ލަވައަށް މި ލަވަ ހަދާފައިވާއިރު ލޯބީގެ ގިނަ މަންޒަރުތަކެއް މިއުޒިކް ވީޑިއޯއިން ފެނެއެވެ. ލަވައިގެ މަންޒަރުތައް ނަގާފައިވަނީ އދ. ދަނގެތީގައެވެ. އޯގަސްޓު މަހުގައި ނެރުމަށް ހަމަޖެހިފައިވާ މި ލޯބީގެ ފިލްމުގެ ބާކީ ކާސްޓުންގެ ތެރޭގައި ނުޒުހަތު ޝުއައިބުގެ އިތުރުން އަހުމަދު ޝާކިރު ހިމެނެއެވެ. އަލަށް ނެރޭ ފިލްމުގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ. ދިވެހީންގެ ތެރޭގައި އިއްލެ މަގުބޫލު ވެގެން ގޮސްފައިވަނީ ތަފާތު އެކި ކަހަލަ ތުރިލާ ފިލްމުތަކާ އެކުގައެވެ. ބޮޑެތި ޓްވިސްޓުތައް ހިމެނޭ، އަދި ނަފްސާނީ ބަލިތަކާއި އިޖުތިމާއީ މައްސަލަތައް ގުޅުވާލައިގެން ތައްޔާރުކުރާ ތަފާތު ފިލްމުތަކާއެކު އިއްލެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ