ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ބުނެ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ނޫންކަން އެނގިއްޖެ އެވެ.
ފަހަދް ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފުތިތާހު ކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ. އެއަށް ފަހު ފަހަދް، ރައީސް މުއިއްޒުއާ ރައީސް އޮފީހުގައި ހޯމަ ދުވަހު ބައްދަލު ކުރެއްވި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ލިޔެފައި ވަނީ ފަހަދް އަކީ ސައޫދީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ. އޭނާގެ ނަން ލިޔެފައި ވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" ޖެހުމަށް ފަހު އެވެ.
ސައޫދީ އަރަބިއްޔާގައި އެ ލަގަބު ލިބެނީ އަބްދުލްއަޒީޒް އިބްނު ސައުދު ރަސްގެފާނުގެ ދަރި ދަރިކަލުންނާއި ދަރި ދަރިކަނބަލުން އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށެވެ.
މި ނޫހުން ބެލި ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ދަރިފަސްކޮޅު ބަލަހައްޓާ އެއްވެސް ލިސްޓެއްގައި ފަހަދްގެ ނަމެއް ފެންނާކަށް ނެތެވެ.
ފަހަދުއަކީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވާއިރު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުރި ސައޫދީ އެމްބަސީގެ ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ޝާހީ އާއިލާގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅަކަށް ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ނިސްބަތްކޮށް ރަސްމީކޮށް ލިޔެކިޔުމުގައި ޖެހުމުން، އެކަމުގެ ކަންބޮޑުވުން ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ދިވެހި ސަރުކާރުގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން އަދަދު ނޫހަށް ބުންޏެވެ.
މިކަމާ ގުޅިގެން ސައޫދީ އެމްބަސީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މި ނޫހުގެ ޓީމުން އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އަށް ގުޅުމުން ވިދާޅުވީ އެމްބަސީން މިފަދަ ކަންބޮޑުވުމެއް ހިއްސާކުރިކަން އެނގިފައި ނުވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު އަދަދު ނޫހަށް ވިދާޅުވީ މި މައްސަލައިގެ ކަންބޮޑުވުން އޮތް ކަމަށެވެ.
ފަހަދް އަށް 'ޕްރިންސް' ގެ ލަގަބު ފުރަތަމަ ފަހަރަށް ދިނީ ރާއްޖޭގެ ރައީސް އޮފީހުންކަން އިންޓަނެޓު ސާޗު ތަކުންނާއި އާކައިވްތަކުން އެނގެ އެވެ. އޭގެ ކުރިން އެފަދަ ޕޯސްޓެއް ފެންނަން ނެތްއިރު ފަހަދްގެ އަމިއްލަ ވިޔަފާރި ވެބްސައިޓުތަކުގައި ވެސް 'ޕްރިންސް' ގެ ލަގަބު ބޭނުންކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ފަހަދްގެ މާބޮޑު މައުލޫމާތެއް ނެތެވެ. އޭނާ އާ ބެހޭ އެންމެ ތަފުސީލީ މައުލޫމާތުތަކެއް ހުރީ ކްލޭ ނަމަކަށް ކިޔާ ސައިޓެއްގައިވާ އޭނާގެ ޕްރޮފައިލް އަކުންނެވެ.
އެ ސައިޓުގައިވާ ގޮތުން ފަހަދް އަކީ ސައޫދީއަށް ނިސްބަތްވާ ވިޔަފާރިވެރިޔެކެވެ. އަދި، އިންވެސްޓަރެކެވެ. އޭނާގެ މަސައްކަތްކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް، އަދި ޓެކްނޮލޮޖީ ހިމެނޭ ކަމަށް ކްލޭގައި ބުނެފައިވެ އެވެ.
މި ސައިޓުގައިވާ ގޮތުން ފަހަދް އަކީ އަ ގުޑްނައިޓްސް ސްލީޕް (އޭޖީއެންއެސް) ކިޔާ ކުންފުންޏެއްގެ ކޯ ފައުންޑަރެވެ. އެ ކުންފުނީގެ އެއްވެސް ތަފުސީލެއް މިހާރު އިންޓަނެޓުން ފެންނާކަށް ނެތެވެ. މީގެކުރިން އޭނާ ލިންކެޑިން އެކައުންޓެއް ބޭނުންކުރިކަން މި ސައިޓު އެނގުނު ނަމަވެސް މިހާރު އެ ޕްރޮފައިލެއް ނެތެވެ. ބެލެވެނީ ޑީއެކްޓިވޭޓު ކޮށްލާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފަހަދްގެ ފޮޓޯތަކެއް
ފަހަދްގެ ބައިވެރިވުން އޮންނަ އަދި އޮތް ވިޔަފާރިތަކެއް އިނގިރޭސިވިލާތާއި އެމެރިކާގައިވެސް އެބަހުއްޓެވެ. އެގޮތުން 2019 ގައި އޭނާ ވަނީ އިނގިރޭސި ހަތަރު މީހަކާއެކު އެ ގައުމުގައި 'ޕިކްނިކް ވެންޗާސް' ނަމަކަށް ކިޔާ ކުންފުންޏެއް ރަޖިސްޓްރީކޮށްފަ އެވެ. އެ ކުންފުނީގެ ޑިރެކްޓަރުކަމުން ފަހަދް އިސްތިއުފާ ދިނީ 2020 ގަ އެވެ.
އެމެރިކާގައި އޭނާގެ ބައިވެރިވުން އޮތް ވިޔަފާރިއަކީ 'ސޭންޑް ބޮކްސް ސްޓޫޑިއޯސް' އެވެ. މި ކުންފުނީގެ އިންސްޓަގްރާމް ޕޭޖުގައިވާ ގޮތުން ފަހަދް އަކީ ކުންފުނީގެ ޕާޓްނަރެކެވެ. މިއީ މިދިޔަ އަހަރު އެކުލަވާލި ކުންފުންޏެއް ކަމަށް ބެލެވެ އެވެ.
މިއިން އެއްވެސް ކުންފުންޏަކުން އާންމުކޮށްފައިވާ މައުލޫމާތުގައި ފަހަދް އަކީ ސައޫދީ ޕްރިންސެއް ކަމަށް ނުވަތަ ސައުދީގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށް ވެސް ބުނެފައެއް ނުވެ އެވެ.
ކްލޭގައިވާ ފަހަދްގެ ޕްރޮފައިލްގެ ތަފުސީލުތަކުގެ އެންމެ ފަހަތުގައި ބުނެފައިވަނީ، އޭނާއާ ނަތް އެއްގޮތްވިޔަސް އޭނާ އަކީ ސައޫދީގެ ޕްރިންސް ފަހަދް އަލް ސައުދު ނޫން ކަމަށެވެ. އެ ޕްރިންސްގެ ވެބްސައިޓަކާއި ވީޑިއޯތަކެއް ފެންނާން އެބަހުއްޓެވެ. ފަހަރުގައި ރައީސް އޮފީހުގެ މުވައްޒަފުންނަށް އެރި އޮޅުމަކީ މިއީ ކަމަށް ވެދާނެ އެވެ.
ޝާހީ އާއިލާގެ މެންބަރު ކަމާއި އަމީރުންނަށް އަދި އަމީރާއިންނަށް ދޭ ލަގަބުތަކަކީ ސައޫދީގައި ހާއްސަ އިސްކަމެއް ދީގެން ބަލާ ކަންކަމެވެ. ފަހަދް އަކީ ޝާހީ އާއިލާއާ ދުރުތާ ތިމާގެ މީހަކަށް ވުން އެކަށީގެންވީ ނަމަވެސް އޯޕަން ސޯސް މައުލޫމާތުތަކުން އެނގޭ ގޮތުގައި މީގެ ކުރިން އޭނާ އަކީ 'ޕްރިންސެއް' ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެ އެވެ. އަދި ސައުދީ އަރަބިއްޔާގެ ޝާހީ ދަރިފަސްކޮޅު ބަލަހައްޓާ އެއްވެސް ލިޔުމެއްގައި އޭނާގެ ނަމެއް، ނުވަތަ ދަރިފަސްކޮޅަކީ ކޮބައިކަން އެނގެން ނެތެވެ. އެހެންވެ، މިއީ ފޭކް ޕްރިންސްއެއް ކަމަށް ބެލެވެ އެވެ.
ރައީސް މުއިއްޒު ބައްދަލު ކުރެއްވި "ޕްރިންސް" އަކީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ނޫން ރައީސް މުއިއްޒު ބައްދަލު ކުރެއްވި "ޕްރިންސް" އަކީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ