އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ އަލުން އާރާސްތުކުރުމަށް އެ ބިމުން ފަލަސްތީނު ރައްޔިތުން ބޭރުކުރައްވާނެ ކަމަށް ދެއްވި އިންޒާރާއެކު، ރާއްޖެ އިން އެކަމަށް ރައްދު ދެއްވަން ކެރިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންއަށް އެކަންޏެވެ.
ބުދަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ރައީސް ޓްރަމްޕްގެ ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ ބޭނުންވަނީ އެމެރިކާއިން ޣައްޒާ ހިފައި އެތަނުގައި ތިބި ފަލަސްތީނު ރައްޔިތުން ބޭލުމަށްފަހު އެތަން އަލުން އާރާސްތު ކުރައްވަން ކަމަށެވެ. އަދި އޭގެ ފަހުން އަވަށްޓެރި އެހެން ގައުމުތަކުގެ މީހުންވެސް ޣައްޒާއަށް ބަދަލުވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްޒާއާ ގުޅޭގޮތުން ޓްރަމްޕް ޕްލޭން އަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މިފަދަކަމެއް ކުރެވިގެނެއްނުވާނެ ކަމަށެވެ.
”ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް. އަދި ޣައްޒާގައި މިހާރު ދިރިއުޅޭމީހުން އެހެންތާކަށް ބަދަލުކުރާނެ ކަމަށް“ މައުމޫން ލިޔުއްވާފައިވެ އެވެ.
އެމެރިކާގެ ރައީސްގެ ރަސްމީ އެކްސް އެކައުންޓް ޓެގް ކުރައްވާ ފާރިސް މައުމޫންވެސް ވަނީ ޓްރަމްޕްގެ މި ވާހަކައަށް ރައްދު ދެއްވާފައެވެ.
އެގޮތުން ފާރިސް ވިދާޅުވީ އެމެރިކާގެ ރައީސް ޣައްޒާއާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ ވަރަށް ކަންބޮޑުވާންޖެހޭ ވާހަކަތަކެއް ކަމަށެވެ. އަދި މި ވާހަކަތަކުގެ ސަބަބުން ސަރަޙައްދީ އަދި ދުނިޔޭގެ ހަމަޖެހުމާއި އަމާންކަން ގެއްލި، އަނިޔާވެރިކަން އިތުރުވެގެންދާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
ނަސްލު ފޮހެލަން މަސައްކަތްކުރުމާއި މަޖުބޫރުން މީހުން ބަދަލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ސީދާ މަނާކޮށްފައިވާ ކަންތައްތަކެއް ކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން އެއް އަސާސް ކަމަށެވެ.
މިއާއެކު ފާރިސް ވަނީ ދުނިޔޭގެ ލީޑަރުންނަށް، ޚާއްޞަކޮށް ދެކުނުގެ ކުދި ޤައުމުތަކާ ދޭތެރޭ ވަރަށް ބާރަށް އަޑުއުފުލާ ލީޑަރުންނަށް، މި ހުށަހެޅިފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ހިތްވަރާއެކު ކުރިއަށް ނުކުތުމަށް ގޮވާލައްވާފައެވެ.
”މިއީ ތަކުރާރުކޮށް ބުނަންޖެހޭ ޙަޤީޤަތެއް: ފުރިހަމަ މިނިވަން ފަލަސްޠީނެއް ނެތި، މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެ“ ފާރިސް ވިދާޅުވި އެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ނުސީދާކޮށް އެކަމަށް އަލިއަޅުއްވާ ލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއްކަމަށާއި، އެ ބިމަށް އެހެން ބަޔަކަށް އަތް ފޯރުވިގެން ނުވާނެކަމަށެވެ.
ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން އަދި ލީޑަރަކުވެސް ޓްރަމްޕްގެ މި ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ނުވެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
ޓްރަމްޕްގެ އިންޒާރަށް ރާއްޖެއިން ރައްދުދޭން ކެރުނީ ރައީސް މައުމޫން އާއި ފާރިސްއަށް އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ