އޭގެ ތެރެއިން ތެދާއި ދޮގަކީ ކޮބައިކަން ވަކިނުވާ ވަރަށް ވާހަކަތައް މި ވަނީ ގިނަވެފަ އެވެ.
މި ލިޔުމުގައި ބަލާފައި މި ވަނީ އެކި ފަރާތްތަކުން އެ މައްސަލައިގައި ދައްކާފައިވާ ވާހަކަތަކުގެ ތެރެއިން އާންމުންގެ ތެރޭ ބޮޑަށް ފެތުރުނު ވާހަކަތަކުގެ ތެދާއި ދޮގަށެވެ.
އެކަން ކަނޑައެޅުމުގައި އިންޓަނޭޝަނަލް ފެކްޓް ޗެކިން ނެޓްވޯކް (އައިއެފްސީއެން)އިން ކަނޑައަޅާފައިވާ ފެކްޓްޗެކް ކުރުމުގައި ގެންގުޅެން ޖެހޭ ބެސްޓްޕްރެކްސްޓިސް ނުވަތަ ދުނިޔެ ގަބޫލުކުރާ މިންގަނޑުތަކަށް ބަލާފައިވާނެ އެވެ. އެގޮތުން ކޮންމެ ވާހަކައަކަށް ވަކި ރޭޓިންއެއް ދީފައިވާނެ އެވެ.
ތެދު - އެއްވެސް ޝައްކެއް ނެތް މިންވަރަށް ތެދެއް
ދޮގު - އެއްވެސް މިންވަރަކަށް ހަގީގަތެއް ނުހިމެނޭ ސީދާ ދޮގެއް
ކަށަވަރެއް ނުވޭ - މިއީ ސާބިތުނުހިފޭ އެކަމެއްގެ މައްޗަށް އިތުބާރުހުރި ހެއްކެއް ނެތި ހަމައެކަނި ލަފައެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަ
ބޮޑު ބައި ދޮގު - މައިގަނޑު ކަންކަން ދޮގު ނަމަވެސް، ބައެއް ސައްހަ މައުލޫމާތު ހިމެނޭ
1. ކާކުކަން ނޭނގޭ މީހަކު ޔުމްނުގެ ހަށިގަނޑު ފުރާޅުމަތީ އޮއްވައި އެތަނަށް އަރައި އަތްލައި ހެކި ނައްތާލަން އުޅުން [ދޮގެއް]
މިހާރު އެންމެން ވެސް ވާހަކަ ދައްކަމުން ދަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެކި މީހުން އެކި ވާހަކަތައް ފަތުރަމުން ދަނީ އެވެ. ދޮގާއި ތެދެވެ. ޔަގީން ނުކުރެވޭ އެތައް ވާހަކައަކާއި ޝައްކުތަކެވެ.
އެކްސްގެ އެކި އެކައުންޓްތަކުގައި ދައުރުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޔުމްނުގެ ހަށިގަނޑު ފުރާޅުމަތީ އޮއްވާ މީހަކު އަރައި އޭނާގެ ހަށިގަނޑުގައި އަތްލާ ހަދާތަން ފެނެ އެވެ. އެ ވީޑިއޯ ދައުރުކުރި އެކައުންޓްތަކުގައި ސުވާލު އުފައްދާފައިވާ ވަނީ ކާކުކަން ނޭނގޭ މީހަކު ފުރާޅުމައްޗަށް އަރައި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެކަން ކުރީ ޔުމްނުއަށް އެ އަނިޔާ ބަޔަކު ދިނުމަށް ފަހު ރާވައިގެން ކަމަށް ވެސް ބުނެ ތުހުމަތުކުރި އެވެ.
ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު އޭނާގެ ހަށިގަނޑު ފުލުހުންނާއި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ ޓީމަކުން އައިސް ނަގައިގެން ގެންދިޔަ މަންޒަރު ދުށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން 'ދައުރު'އަށް ބުނި ގޮތުގައި:
އެ ވީޑިއޯގައި ފެންނަނީ ޔުމްނުގެ ހަށިގަނޑު ނެގުމަށް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމްގެ މެންބަރަކު ހަރަކާތްތެރިވާ ތަން
އެ ވީޑިއޯ ނަގާފައި ވަނީ އެ ސަރަހައްދުގައި ހުރި އިމާރާތެއްގައި ދިރިއުޅޭ ބަޔަކު އޭނާގެ ހަށިގަނޑު ނަގަން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދަނިިކޮށް؛ އެވަގުތުގެ މަންޒަރު ފެނުން މީހުން ބުނީ އެއީ އެންމެ ފުރަތަމަ އެ ޓީމުން ފުރާޅުމައްޗަށް އެރި މެންބަރު ކަމަށް
އޭނާ ލައިގެން ހުރި ޔުނީފޯމަށް ބަލާއިރު ވެސް، އެއީ ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިން ސީންތަކަށް ދާއިރު ލާ ޔުނީފޯމެއްކަން ކަށަވަރު ކުރެވޭ
އެހެންވެ، އެ ވީޑިއޯގައި އެ ފެންނަނީ:
ޔުމްނުގެ ހަށިގަނޑު އޮތް ތަން ނުވަތަ ކްރައިމް ސީނުން ހެކި ނައްތާލަން މީހަކު މަސައްކަތް ކުރާ ތަނެއް ނޫން
އެއީ ސިފައިންގެ ފަޔާ ރެސްކިއު ޓީމުން އޭނާ ނަގަން ފުރަތަމަ އެރި ވަގުތުގެ މަންޒަރުތަކެއް
2. ފެންޓެނޯއީގެ 7 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ރައުދު އާއި ޔުމްނު ވަނުން [ދޮގެއް]
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހ. ފެންޓެނޯއީގޭގެ ތެރޭގައި ޔުމްނު އާއި އޭނާއާ އެކު އެރޭ އުޅުނު ރައުދު އަހުމަދު ޒިލާލް އެ ގޭ ސިޑިމަތީގައި އުޅޭ މަންޒަރުތައް ފެންނަ ސީސީޓީވީ ކެމެރާގެ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވެސް އަދި ބައެއް އެހެން ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
އެ މީހުން ގިނަ ވަގުތު ހޭދަކުރި ހަތް ވަނަ ފަންގިފިލާގައި ހުރި ގޫގުލް ނެކްސްޓް ކެމެރާއިން ފެންނަ ގޮތުގައި ހަތް ވަނަ ފަންގިފިލާއަށް އެރުމަށް ފަހު ލިފްޓްކައިރީ ކޮންމެވެސް ވަރަކަށް ގައިގޯޅިވުމަށް ފަހު ރައުދުގެ އިރުޝާދަށް އެންމެ އެތެރޭގައި ހުންނަ އެޕާޓްމަންޓަަށް އެ މީހުން ވަންނަ ކަހަލަ މަންޒަރުތަކެއް އެ ވީޑިއޯއިން ފެނެ އެވެ. އެގޮތުން ރައުދު އެތެރޭގައި ހުންނަ އެޕާޓްމަންޓާ ދިމާލަށް އަތްދިއްކުރާ ތަނާއި އެއަށް ފަހު ޔުމްނު އެ ދިމާލަށް ދާ ތަން ފެނެ އެވެ. އަދި އެއަށް ފަހު ރައުދު ފަހަތުން ގޮސް ފައިވާން ބާލާތަން ވެސް ފެނެ އެވެ.
އެ ހަރަކާތްތައް ފެންނަ ވީޑިއޯގެ ސްކްރީންޝޮޓްތައް ލުމަށް ފަހު ބައެއް ފަރާތްތަކުން ތުހުމަތު ކުރީ އެ މީހުން ހަތް ވަނަ ފަންގިފިލާގެ އެޕާޓްމަންޓަށް ވަންނަ ކަމަށެވެ. އަދި ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގީ އެތަނުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
ހަތް ވަނަ ފަންގިފިލާގައި ހުރި ކެމެރާއަށް ރެކޯޑްވެފައި ހުރި ވީޑިއޯތަކުގެ ފުލް ފުޓޭޖް 'ދައުރު'އިން ބެލިއިރު:
ރައުދު އެތެރޭގައި ހުރި އެޕާޓްމަންޓާ ދިމާލަށް އަތް ދިއްކުރުމަށް ފަހު ބުނާ ކަމަށް ބެލެވެނީ، "އެހެރަ ފެންނަނީ ކޯއްޗެއް، އެކޮޅަށް ހިނގާ"؛ ބެލެވޭ ގޮތުގައި ރައުދު އަތް ދިއްކުރަނީ އެ އެޕާޓްމަންޓު ދޮރުގައި ހުރި އިލެކްޓްރޯނިކް ޑޯބެލްއަކަށް؛ އެއީ މީހަކު ޑޯ ބެލް ޖެހުމުން އޭގައި ހުންނަ ކެމެރާއަކުން ބޭރު ފެންނަ ޒާތުގެ ސްމާޓް ޑޯބެލްއެއް
އެހެން ބުނުމުން ޔުމްނު އެ ދިމާލަށް ހިނގައިގަނެ އަދި އޭނާ ކެމެރާއަށް ގެއްލޭ؛ އޭނާގެ ފަހަތުން ރައުދު ގޮސް، ފައިވާން ބާލާ ތަން ފެނޭ
އެ ވަގުތު ދޮރު ހުޅުވޭ ކަހަލަ އަޑެއް އިވޭ އަދި ހަމަ ސުކުންތުކޮޅެއް ތެރޭ ޔުމްނު އާއި ރައުދު ބައްދައިގަނެގެން ތިބެ އެ ދިމާލު ތަޅުންގަނޑު މައްޗަށް ވެއްޓި ގަންނަ ތަން ފެނޭ؛ އަދި އެ ދެ މީހުން އެ ތަނުގައި 'ގައިގޯޅިވެގެން' އުޅޭ؛ ވެއްޓުނު އިރު ޔުމްނުގެ ޓީޝާޓެއް ނެތް
ޔުމްނުގެ ޓީޝާޓް އެ މީހުން ވެއްޓުނު ވަގުތު ލިފްޓާ ކައިރި އެޕާޓްމަންޓް ދޮރުމައްޗަށް ވެއްޓިފައި އޮންނަ ތަން ފެނޭ؛ ބެލެވޭ ގޮތުގައި އެ ދެ މީހުން ކެމެރާއަށް ނިވާވި ވަގުތު އެ އަޑުއިވެނީ އެތާ ކައިރި ހުރި ފެން ކޭސްތަކުގައި އަޅައިގަނެގެން ބައެއް ކޭސްތައް ވެއްޓޭތީ
'ދައުރު'އިން ބެލިއިރު އެތެރެ އެޕާޓްމަންޓުގެ ދޮރުގައި ހުންނަނީ އީ-ތަޅެއް ލާފައި؛ އެހެންވެ އެ ދޮރު ހުޅުވައިފި ނަމަ، 'ޑޯ އޯޕަން' އެހެން ބުނާ މެސެޖެއްގެ އަޑުއިވޭ؛ އެ އެޕާޓްމަންޓް ދޮރު ހުޅުވި ނަމަ އެ މެސެޖުގެ އަޑު ވީޑިއޯއަށް އަރާނެ
އެއަށް ފަހު، ތެދުވެގެން އައިސް ހަތް ވަނަ ފަންގިފިލާގެ ސިޑިމަތީ އިރުކޮޅަކަށް މަޑުކޮށްގެން ތިބޭ؛ ރައުދުގެ އުނގުތެރޭ ޔުމްނު އޮވެ، ބައެއް ވާހަކަތައް ދެ މީހުން ލޯބިން ދައްކައި އަދި ބައެއް ފަހަރު ޔުމްނު ކޮޅަށް ތެދުވެ ނަށާލާ ކަހަލަ ހަރަކާތްތަކެއް ވެސް ކޮށްލާ
ސިޑިމަތީ އެކި ވާހަކަ ދައްކަން ތިބުމަށް ފަހު ދެ މީހުން އަނެއްކާވެސް އަރައިގެން ދަނީ ނުވަ ވަނަ ފަންގިފިލާއަށް އަދި އެ ތަނުން ޔުމްނު އެކަނި އަރަނީ ޓެރަސްއަށް ދެވެން ހުންނަ ސިޑިން މައްޗަށް
އޭގެ ފަހުން ވެސް ރައުދު އައިސް ހަތް ވަނަ ފަންގިފިލާގެ ކެމެރާއަށް އަރާ ހިސާބުގައި ފާރުކައިރި ލެނގިގެން ހުރިއިރު ވެސް އޭނާ އެޕާޓްމަންޓަކަށް ވަންނަ ތަނެއް ނުފެނެ އެވެ. ތިރި ބަލައިލާ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ އަތް ދަމާލައި ފޯނު ނަގައި ފޯން ބަލައިލަ ބަލައިލާ ހުންނަނީ އެވެ. އަދި ބާކީ ހުރި ފުޓޭޖްތަކުގައި އޭނާ ދެން އުޅެނީ ސިޑިމަތީގަ އެވެ.
އެހެންކަމުން ފުލުހުން ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރީ ހަތް ވަނަ ފަންގިފިލާގެ ފުޓޭޖުގެ ބައެކެވެ. އަދި އަނެއް ބައި ފުލުހުން ނުދެއްކީ އަހުލާގީ ގޮތުން އާންމުކޮށް ދެއްކުން އެންމެ ރަނގަޅު ނޫން މަންޒަރުތައް ހުރުމުން ކަމަށް ވެސް ބެލެވެ އެވެ. އެއީ، އެ މީހުން ތަޅުންގަނޑު މައްޗަށް ވެއްޓިގަންނަ މަންޒަރާއި ހަތްވަނަ ފަންގިފިލާ ސިޑިމަތީ އުޅޭއިރު ޔުމްނު ހުންނަނީ ޓީޝާޓެއް ނުލަ އެވެ.
ފެންޓެނޯއީގޭގެ އެތެރޭގެ ހުރިހާ ވީޑިއޯތަކެއް ބެލުމުން، ސިޑީ މަތީގައި އެ މީހުން ހޭދަކުރި ވަގުތާއި ޖުމްލަ އެ ގޭ ތެރޭ ހޭދަކުރި ވަގުތަށް ބަލާއިރު އަދި އެޑިޓް ނުކުރާ ފުލް ވީޑިއޯތަކަށް ބެލުމުން އެ މީހުން އެ ގޭގެ ހަތް ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ތެރެއަށް ވަނުމުގެ ފުރުސަތެއް ނެތެވެ.
3. ފެންޓެނޯއީގޭ ތެރެއިން މީހަކު ދޮރުހުޅުވައި ޔުމްނު އެ ގޭތެރެއަށް ވެއްދީ - [ދޮގެއް]
ފުލުހުން އާންމުކުރި ބުރުޒުމަގުގައި ހުރި ސީސީޓީވީ ކެމެރާއެއްގެ ވީޑިއޯއިން ފެންނަ ގޮތުގައި ޔުމްނު ބުރުޒު މަގުން ހިނގާފައި އައިސް ފެންޓެނޯއީގެ ދޮރާށީގައި ލެގިލާ ތަނުން ދޮރު ހުޅުވި އެތެރެއަށް ވެއްޓޭ ތަން ފެނެ އެވެ. އަދި އެ ވަގުތު އޭނާގެ ފައި މައްޗަށް އަރާ ތަން ވެސް ފެނެ އެވެ. އަދި އޭނާގެ ބޯ އޭރު އޮންނަނީ ގޭ ތެރޭގަ އެވެ.
ވީޑިއޯގެ އެތަންކޮޅު ލުމަށް ފަހު ބައެއް މީހުން ސޯޝަލް މީޑިއާގައި ސުވާލުކުރީ އެ ގޭގެ ދޮރު އެ ހުޅުވަނީ ކާކު ހެއްޔެވެ؟ އަދި ޔުމްނު އެ ގޭތެރެއަށް ދަމައިގަންނަނީ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ ވީޑިއޯގެ ފުޓޭޖް ޒޫމްކޮށް ބެލުމުން ފެންނަނީ:
ޔުމްނު އެ ގޭގެ ދޮރުފަތުގައި ލެގިލާ ތަނުން ނުވަތަ އަރިއަޅާލި ތަނުން ދޮރުގައި ލައްވެ، އެ ދޮރު ހުޅުވޭ ތަން
ދޮރުގައި ލެނގިލީމާ ދޮރު ހުޅުވި އެ ގޭގެ ތެރެއަށް އޭނާ ވެއްޓެނީ
އެކަން ކަށަވަރުވާ ކަމަކީ އޭނާ ފަހުން އެ ގޭ ދޮރުން ބޯދީ ދެކޮޅު ބަލާފައި އަނެއްކާވެސް އެގެއިން ނިކުމެގެން އެ ގޭގެ ދޮރުއަށީގެ ހުޅަނގަށް، ތިރީގައި ހުންނަ ބުރުޒު ކޭޓަރިންއާ ހަމައަށް ގޮސް، ރައުދުއާ ދެ މީހުން އެ ގޭ ތެރެއަށް ވަންނަ މަންޒަރު ފެނޭ
ރައުދު 'ޓީޒް' ކުރުމުގެ ގޮތުން އޭނާ ރައުދުގެ ކުރިން ދުވެލާފައި ގޮސް އެ ގޭގެ ތެރެއަށް ވަދެ އެތެެރޭން ދޮރު ހިފަހައްޓާލައި؛ ރައުދު ދެފަހަރެއްގައި ކޮއްޕާލުމުން އޭނާ ދޮރުން ދޫކޮށްލައި ރައުދު އެތެރެއަށް ވައްދާ މަންޒަރު ފެނޭ
އެ މީހުންގެ ހަރަކާތްތަކުން ޔުމްނު އެ ގޭގެ ތެރެއަށް ވަންނަނީ މަޖުބޫރުކަމެއް ނެތި އަމިއްލަ ރުހުމުގައި ކަމަށް ބެލެވެ އެވެ. އަދި އެ ގޭގެ ދޮރުކައިރިން އިތުރު މީހެއްގެ ހަރަކާތެއް ވެސް ނުފެނެ އެެވެ.
4. ނުވަ ވަނަ ފަންގިފިލާގައި ކެމެރާއެއް ނެތް ކަމަށް ފުލުހުން ސައްހަ ނޫން މައުލޫމާތު ދިނުން [ތެދެއް]
ފުލުހުން މިހެއް ބުނި ހެއްޔެވެ؟ އާނ އެކެވެ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާގައި ކެމެރާއެއް ނެތް ކަމަށް ފުލުހުން ވަނީ އެ މައްސަލައިގައި ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފަ އެވެ. ބެލެވޭ ގޮތުގައި ފުލުުހުންނަށް މި ވަނީ އެ ގޭގައި ކެމެރާ ހުންނަ ފަންގިފިލާތަކަކީ ކޮބައިކަން އޮޅުން އަރައިފަ އެވެ.
ނަމަވެސް އެކަން ފަހުން ތިލަވުމުން ވެސް އެކަން ފުލުހުން ރަނގަޅުކޮށްފައެއް ވެސް ނުވެ އެވެ.
ނަމަވެސް އެ ގެއަށް ގޮސް ބެލުމުން އެ ގޭގެ ނުވަ ވަނަ ފަންގިފިލާގައި ކެމެރާ ހުންނަކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އަދި ކެމެރާ ނުހުންނަނީ އެ ފަންގިފިލާގެ މަތީގައި ހުންނަ 10 ވަނަ ފަންގިފިލާ ހުންނަ، ޓެރަސްއަށް އަރާ ސިޑީގައި ކަން އެނގެ އެވެ. ދެން އެ ގޭގައި ސީސީޓީވީ ކެމެރާ ހުންނަނީ:
7 އަދި 9 ވަނަ ފަންގިފިލާގައި
7 ވަނަ ފަންގިފިލާއިން ތިރީގެ ފަންގިފިލާތަކުގައި
އެ ގޭގެ ހުރިހާ ފަންގިފިލާތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައެއް ނުވެ އެވެ.
5. ގޭންގް ރޭޕެއް؛ އެކަން ކުރީ ހަތަރު މީހަކު ވެގެން ފެންޓެނޯއީގޭ ގެ ތެރޭ އަދި އެއަށް ފަހު ފުރާޅު މައްޗަށް ވައްޓާލީ [ކަށަވަރެއް ނުވޭ]
ބައެއް މީހުން ސޯޝަލް މީޑިއާގައި ތުހުމަތުކުރި ގޮތުގައި ޔުމްނު ފެންޓެނޯއީގޭ ގެ އެޕާޓްމަންޓަކަށް ވެއްދުމަށް ފަހު ހަތަރު މީހަކު ވެގެން އޭނާ ރޭޕްކުރުމަށް ފަހު ފުރާޅު މައްޗަށް އެއްލައިލީ އެވެ.
އެ ވާހަކަތައް އެގޮތަށް ދެއްކި ނަމަވެސް އެއީ ފެންނަން ހުރި އަދި ސާބިތު ހިފޭ އެއްވެސް ހެއްކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ނޫނެވެ. ބޮޑަށް އެއީ ބައެއްގެ ހީކުރުމަކާއި ލަފައެކެވެ.
'ދައުރު'އިން ބެލި ސީސީޓީވީ ފުޓޭޖްތަކާއި އޭނާއާ އެކު އެ ރޭ އެންމެ ފަހުން އުޅުނު މީހުންގެ ވާހަކަތަކަށް ބެލުމުން ވެސް އެފަދަ ކަމެއް ހިނގި ކަމަކަށް އެއްވެސް މަސްދަރަކުން ބުނެފައެއް ނުވެ އެވެ. އަދި އެޑިޓް ނުކުރާ ފުރިހަމަ ސީސީޓީވީ ވީޑިއޯތައް ބެލުމުން އެ ގޭގެ ތެރެއަށް ރައުދު އާއި ޔުމްނު ވަދެ ހޭދަވީ ޖުމްލަ ވަގުތުތަކުގައި މުޅިން ވެސް އުޅެފައި ވަނީ އެ ގޭގެ ސިޑިމަތީކަން ޔަގީން ކުރެވެ އެވެ.
މީގެ އިތުރަށް އެ ގޭގެ ބޭރު ދޮރު އަރާ، އެވިޑް ކޮލެޖުގެ ސީސީޓީވީ ކެމެރާގެ ފުޓޭޖް ބަލާއިރު ވެސް އެ ގޭގެ ތެރެއަށް އިތުރު ބަޔަކު ނުވަތަ ގުރޫޕަކުން ވަދެ، ނިކުންނަ ތަނެއް ވެސް ނުފެނެ އެވެ.
އެހެންކަމުން، އިތުރު އާ ހެކިތަކެއް ނުލިބެނީސް މިއީ ގޭންގު ރޭޕެއް ކަމާއި އެކަން ފޮރުވަން ކުރިކަމެއްކަން ބުނުމުގެ ޖާގައެއް ނެތެވެ. އެ ބުނުމަކީ ބައެއްގެ ސްޕެކިއުލޭޝަނެއް ނުވަތަ ލަފާކުރުމެއް އަދި ހީއެކެވެ.
6. މިނިސްޓަރު މުހައްމަދު އަމީންގެ ބޫޓު ފެންޓެނޯއީގެ ހަތް ވަނަ ފަންގިފިލާގައި ހުރި [ދޮގެއް]
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ހަތް ވަނަ ފަންގިފިލާގެ އެންމެ ލިފްޓާ ކައިރިއަށް ހުންނަ އެޕާޓްމަންޓުގެ ދޮރު މަތީ ކަހަލަ ގޮތަކަށް މުށި ކުލައިގެ ލެދާ ބޫޓެއް ހުންނަ ތަން ފެނެ އެވެ. އަދި އެ ބޫޓު ހުންނަ ތަނަށް އެކި ފަހަރު ބަދަލު އައިސްފައިވާކަން ސީސީޓީވީ ފުޓޭޖްތަކުން ފާހަގަވެ އެވެ. މީހުން ވަނީ އެ ބޫޓް ދޮރުމަތީ ހުންނަ ފޮޓޯތަކެއް ލުމަށް ފަހު މިނިސްޓަރު އަމީން ހަފްލާއަކަށް ވަޑައިގެންއިރު އެ ކުލައިގެ އެ ޒާތުގެ ބޫޓަކަށް އަރައިގެން ހުރި ފޮޓޯތަކެއް ދައުރުކޮށް އެއީ މިނިސްޓަރުގެ ބޫޓު ކަމަށް ބުނެފަ އެވެ.
ނަމަވެސް، 'ދައުރު'އިން ގޮސް ބެލިއިރު އެ ބޫޓަކީ އެ ފަންގިފިލާގައި ދިރިއުޅޭ އެ ގޭގެ މީހެއްގެ ބޫޓެކެވެ. އަދި އެ ބޫޓަށް އޭނާ ވަނީ 'ދައުރު'ގެ ނޫސްވެރިންގެ ކުރިމަތީ އަރައިފަ އެވެ. އެ ބޫޓު އޭނާއަށް ހެޔޮވަރެވެ. އަދި ކެމެރާތަކުގެ ފުރިހަމަ ފުޓޭޖްތައް ބެލުމުން ކަށަވަރުވީ ރައުދު އާއި ޔުމްނު އެންމެ ފުރަތަމަ އެ ފަންގިފިލާއަށް އަރާއިރު އެ ބޫޓު ހުރި ތަނަށް ބަދަލު އައީ އެ މީހުން ތަޅުންގަނޑު މައްޗަށް ބައްދައިގަނެގެން ވެއްޓުނު ވަގުތު އެ މީހުންގެ ގައިގާ ބޫޓުގައި ޖެހުމުންނެވެ.
އެހެންވީމާ، މިއީ ހެކިތަކުގެ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ.
7. ޔުމްނުގެ ބޭސް ފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ދިނުން [ބޮޑު ބައި ދޮގު]
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ސަރުކާރުން ޔުމްނު މެލޭޝިޔާއަށް ފޮނުވަން ހުރިހާ ހަރަދެއް ހަމަޖެއްސި ކަމަށް ބުނެ ނޫސްތަކުން ރިޕޯޓްކުރި އެވެ. ނަމަވެސް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ނޫސްތަކަށް ބުނެފައި ވަނީ ސަރުކާރުން ދީފައި ވަނީ 25،000 ޑޮލަރު (385،500ރ.) ކަމަށާއި އެއީ ސިޔާސަތުތަކުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އަދަދު ކަމަށެވެ.
އާއިލާއިން ބުނެފައި ވަނީ މެލޭޝިޔާގެ ބޭސް ފަރުވާއަށް 57،000 ޑޮލަރު (878،940ރ.) ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅިގެން ރޭ ވަނީ ޓިކްޓޮކްގައިި ވީޑިއޯ ހަދާ، ޝެހެނާޒް މޫސާ (ޝެހޭ) އިސްވެ އެކަމަށް ފައިސާ ހޯދަން ހަރަކާތެއް އޮންލައިންކޮށް ބާއްވައިފަ އެވެ. އެ ހަރަކާތުގެ ތެރެއިން 735,367.16ރ. ވަނީ އާންމުންގެ އެކި ފަރާތްތަކުން އާއިލާއަށް ހަމަކޮށްދީފަ އެވެ.
އެހެންކަމުން، ޔުމްނުގެ ބޭސްފަރުވާއަށް ބޭނުންވާ ހުރިހާ އެހީއެއް ސަރުކާރުން ދިން ކަމަށް ބުނާ ވާހަކައަކީ މުޅިން ތެދެއް ނޫނެވެ. އެ ވާހަކައިގެ ބޮޑު ބަޔަކީ ދޮގެވެ.
8. ކެމެރާ ސިސްޓަމްގައި އެލާމެއް ނެތް؛ ދައްކާ ވާހަކަ ނާރުވާން ވީޑިއޯ އެޑިޓް ކުރީ [ދޮގެއް]
ފެންޓެނޯއީގޭ ގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ކެމެރާގެ ފުޓޭޖްތަކުގައި ބާރު އެލާމެއް ކަހަލަ އަޑެއް އިވެ އެވެ. އެ އަޑު އެ ކެމެރާގެ ވީޑިއޯ ފުޓޭޖްތަކަށް އަރުވާފައި ވަނީ އެޑިޓްކޮށް އެ މީހުން ދެއްކި ވާހަކަ އަޑު ނީއްވަން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރި އެވެ.
ނަމަވެސް، 'ދައުރު'އިން ގޮސް އެ ކެމެރާ ސިންކުކޮށްފައިވާ ފޯނުގެ ރޯ ފުޓޭޖުތައް ބެލިއިރު ވެސް މީހުންގެ ދަންވަރު މީހުންގެ ހަރަކާތްތައް ފެންނަ ވަގުތު އެ އެލާމުގެ އަޑު ވީޑިއޯއަށް އަރަ އެވެ. އަދި އެ ކެމެރާގެ ސެޓިން ހަދާފައި ވަނީ ދަންވަރު 12ގެ ފަހުން މީހެއްގެ ހަރަކާތެއް ކެމެރާއަށް ފެނިއްޖެ ނަމަ އެލާމެއް އަޅާ ގޮތަށްކަން އެ އެޕްގެ ސެޓިން ބެލުމުން އެނގެ އެވެ. އަދި އެ އެލާމް ދުވާލުގެ ވަގުތަށް އޮން ކުރުމުން ހަމަ އެ އެލާމް ކެމެރާއަށް އަރަ އެވެ.
9. ރައީސްގެ ރަސްމީ ގެ، މުލިއާގޭގެ މިނިސްޓަރަކަށް ހުންނެވި އިގްބާލް އަހުމަދުގެ ދަރިއަކު ހިމެނޭ [ދޮގެއް]
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއާ އެންމެ ފަހުން ދިމާވި މީހުން ކަމަށް ފުލުހުން ބުނާއަށް މީހުންގެ ތެރޭގައި ހިމެނޭ އައިޝަތު ލަޔާލީ އިގްބާލް، 22، ގ. ނޯތުބްރީޒްއަކީ ރައީސްގެ ގެ މުލިއާގޭގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިގްބާލް އާދަމްގެ ދަރިއެއް ކަމަށް ބުނެ އެކްސް އެކައުންޓަކުން ވާހަކަ ފެތުރި އެވެ.
'ދައުރު'އިން ވަނީ އެ ވާހަކައިގެ ސައްހަކަން ބެލުމަށް ކުރަން ކުރީގެ ވޯޓާ ރަޖިސްޓްރީތައް ބަލައި އިގްބާލް އާއި އޭނާއާ ގުޅުންހުރި ގެތަކުގެ އެޑްރެސްގައި އެނަމުގައި މީހަކު ރަޖިސްޓްރީކޮށްފައި ވޭތޯ ބަލައިފަ އެވެ. ނަމަވެސް އެފަދަ ނަމެއް ނެތެވެ. އަދި އެ އާއިލާ ދަންނަ އެކަކަށް ވުރެ ގިނަ މީހުންނާ ސުވާލުކުރުމުން ވެސް އެ ނަން ކިޔާ އިގްބާލްގެ ދަރިއަކު ނުހުންނަކަން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ލަޔާލީއަކީ އިގްބާލްގެ ދަރިއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތައް ހުދު އިގްބާލް ވެސް އެކްސްގައި ޕޯސްޓެއް ކުރައްވައި ދޮގު ކުރައްވާފައިވެ އެވެ.
ޔުމްނު ވެއްޓުން: ފެތުރޭ ވާހަކަތަކުން ތެދާއި ދޮގު އަދި ހީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ