ޕީޕީއެމުން މުޒާހަރާ ކުރި އިރު އެއްވެ އުޅުމާ ބެހޭ ގާނޫނެއް ނެތް: އުމަރު
ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، އެ ޕާޓީން މާލޭގައި މުޒާހަރާ ކުރި އިރު، އެއްވެ އުޅުމާ ބެހޭ ގާނޫނެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެ އުޅުމާ ބެހޭ ގާނޫނު ވުޖޫދަށް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު، އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް އެ ގާނޫނު ފާސްކުރުމަށް ވޯޓު ދެއްވި ކަމަށް އުމަރު ވިދާޅުވި އެވެ. މިއާ އެކު، އުމަރު ވަނީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގައި، އެއްވެ އުޅުމުގެ ހައްގު ހަނި ކުރުމާއި، އެ ހައްގު ހަނި ކުރެވޭނެ އުސޫލުތައް ކަނޑައަޅާފައިވާ، އެ ގާނޫނުގެ 33 އަދި 34 ވަނަ މާއްދާ ދައްކުވައިދޭ ފޮޓޯއެއް ޓްވީޓު ކުރައްވައިފަ އެވެ. 2011ގައި ނަޝީދުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް އެއްވެ ކުރި މުޒާހަރާއެއްގެ އިސް ސަފުގައި މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު-- ސަން ފޮޓޯ/ އަލީ ނަސީރު ިވިލާތުގެ އިއްތިހާދުގެ ވަފުދެއް މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުގައި، އެބޭފުޅުން ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ އިއްޔެ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި، އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޑޭލީ ވަނީ، ރާއްޖޭގައި ރައްޔިތުން އާންމު ތަންތަނަށް އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ މިންވަރާ ބެހޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަހެއް އޮންނަނީ މާލޭގައި ކަމަށާއި މާލެ ފިޔަވައި ރާޢްޖޭގެ އެހެން ސަރަހައްދުތަކުގައި އެއްވެސް ހުރަހެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި މާލޭގައި ވެސް މަގުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އެއްވުން ބޭއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، މާލޭގެ މަގުތަކުގައި މުޒާހަރާތަކާއި އެއްވުން ބޭއްވުން މަނާކުރީ މަގުތައް ތޮއްޖެހި، ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިވާނެތީ ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ