މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލަކަށް ގެއްލުންވެ، ގަލޮޅުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޭބަލަކަށް ގެއްލުންވެ، ގަލޮޅުގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން މިރޭ ކުރި ޓުވީޓެއްގައިވާ ގޮތުން، އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަކަށް ވަނީ ގެއްލުންވެފައެވެ. އޭގެ ސަބަބުން، ބުރުޒުމަގުގެ އިރާއީ ބުކްޝޮޕް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެ ޚިދުމަތް އަލުން ދެވޭނީ ވަގުތީ ކޭބަލެއް އަޅައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. "ވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ," ސްޓެލްކޯއިން ބުންޏެވެ. ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އަދި ސަބް ކޮންޓްރެކްޓު އުސޫލުން މަގުގައި ތާރުއެޅުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު އެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. ޕްލޭނިން މިނިސްޓްރީން ވަނީ، އަންނަ ޖުލައި މަހު މުޅި އަމީނީ މަގުގައި އެއްކޮށް ތާރުއަޅައި ނިންމާލެވޭނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ