ސީރިއަސް މައްސަލައެއް: ޝަރުއީ ދާއިރާގެ އިސް މަގާމުތަކަށް މީހުންނެއް ނުވޭ!

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ދާދިފަހުން ހުޅުވާލުމުން އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ކުރިމައްޗެއް ނުލެއްވި އެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ މަތީ ކޯޓުގެ އިސް ފަނޑިޔާރުކަމާ ހަވާލުވާނެ ބޭފުޅަކު ނެތި ދިއުމަކީ ކުރިން ނާދިރު ކަމެކެވެ.
މީގެ ދެ އަހަރު ކުރިން މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި އެހެން ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލުމުން ވެސް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. ބޮޑެތި ބާރުތަކެއް އޮންނަ މިފަދަ އިސް މަގާމުތަކަށް ވާދަވެރިކަމެއް ނެތެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ކޮންމެވެސް ވަރެއްގެ ވާދަވެރިކަން އެބައޮތެވެ. އެކަމަކު މަތީ ކޯޓުތަކުގައި ވާދަވެރިކަން ދުވަހަކަށް ވުރެ ދުވަހެއް ދަނީ ދަށަށެވެ. ކުރިން ހައި ކޯޓުގެ އެންމެ މަގާމަކަށް އިއުލާން ކުރިޔަސް، ތަޖުރިބާ ހުރި އަދި އިލްމީ އެތައް ބޭފުޅުންނެއް މަގާމަށް ކުރިމަތިލައްވަ އެވެ.
އެކަމަކު މިހާރު އެ ހުރިހާ ނަންތަކެއް ގެއްލިއްޖެ އެވެ. ކުރިމަތިލައްވާ ބޭފުޅުންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް ދަނީ ދަށަށެވެ. ފަނޑިޔާރުންގެ ތެރެއިން ގިނަ ބޭފުޅުން ވެސް މަތީ ކޯޓުތަކުގެ މަގާމުތަކަށް ކުރިމަތިލައްވާކަށް ބޭނުމެއް ނުވެ އެވެ. ހައި ކޯޓުގެ ބެންޗުގައި ތިއްބެވި ނަން ހިނގާ މަޝްހޫރު ބޭފުޅުން ވަކިވެ ވަޑައިގެން އަދި އަނެއް ބައި ބޭފުޅުން ރިޓަޔާވެ ވަޑައިގަތްއިރު ގާނޫނީ ދާއިރާގެ ތަޖްރިބާ ހުރި ގިނަ ބޭފުޅުން އެ މަގާމުތަކަށް މިހާރު އެއްވެސް ޝައުގެއް ނެތެވެ.
ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތުގެ މައްސަލަ އަބަދު ވެސް އޮވެ އެވެ. މީގެ 12 އަހަރު ކުރިން ކަނޑައެޅި މުސާރައިގެ އޮނިގަނޑު ހައި ކޯޓުގައި ހުރިހާ ބާވަތެއްގެ މައްސަލަތައް ބަލަން ޖެހުނަސް، ކްރިމިނަލް ކޯޓެއްގެ ފަނޑިޔާރަކާއި ހައި ކޯޓެއްގެ ފަނޑިޔާރެއްގެ މުސާރައާ ދެމެދު ހުންނަނީ 7،000ރ. ތަފާތެވެ.
ފަނޑިޔާރުންތަކެއް --- ފޮޓޯ/މިހާރު
މެޖިސްޓްރޭޓް ކޯޓުތަކާއި މާލޭގެ ކޯޓުތަކާ ދެމެދު މުސާރައިގެ ފަރަގެއް މުސާރައިގައި އޮތަސް، ގާނޫނީ ދާއިރާގެ އެހެން މަގާމުތަކާ ގާތްކުރާ ވަރެއް އަދިވެސް ނުވެ އެވެ. އަނެއްކޮޅުން ފަނޑިޔާރުންނަކީ މުސާރައިގެ އިނާޔަތްތަކާއި މެޑިކަލް އިންޝުއަރެންސްގެ އިތުރަށް އެއްވެސް އާމްދަނީއެއް ލިބޭ ބައެއް ނޫނެވެ.
ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ވެސް ފާހަގަ ކުރެއްވީ އެ މައްސަލަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ފަނޑިޔާރުންނަށް ދޭ މުސާރައަކީ މި ދާއިރާގެ އެހެން ވަޒީފާތަކާ އަޅާ ބަލާއިރު ކުޑަ އެއްޗެކެވެ. އެހެންވެ، ގިނަ ފަނޑިޔާރުކަން މީހުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިފެންސް ލޯޔަރެއްގެ މުސާރަ އާއި ފަނޑިޔާރެއްގެ މުސާރަ އަޅާ ކިޔާލާއިރު ޑިފެންސް ލޯޔަރުންގެ އާމްދަނީ މާ މަތީގައި އުޅޭނީ. އެހެންވީމަ އަމިއްލައަށް އެފަދަ ކަމެއް ކުރެވެން އޮންނަ މީހަކު ފަނޑިޔާރު ކަން ބޭނުމެއް ނުވޭ މިހާރަކު." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނެއް ސަބަބަކީ ވަޒީފާގެ ޔަގީންކަން ކުޑަވުމެވެ. އަދި ފަނޑިޔާރު ކަމަށް ކުރިމަތިލިޔަސް، ފަނޑިޔާރު ކަމަށް މީހުން ނެގުމުގައި އެހާ ބޮޑަށް ދެފުށް ފެންނަ ނިޒާމެއް އަދިވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް ކޮންމެވެސް ނަމެއް މި އިވެނީ. އަދި އެކަން ނިމިގެންދާއިރު އެ ނަމެއް މި އަންނަނީ ވެސް. މިކަމުގައި ޓްރާންސްޕޭރެންސީ މިހާރަށް ވުރެ އިތުރުވާ ނަމަ މިގޮތަށް މި އަންނަ ތުހުމަތުތަކާއި ކުޑަ ކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީގެ ރައީސް ހިސާން --- ފޮޓޯ/މިހާރު
"ނަމާއި އަބުރު ވެސް އޮތީ. ވަރަށް ފަހަކާ ޖެހެންދެން ޖޭއެސްސީން މައްސަލައެއް ބަލަން ފަށާއިރަށް ފަނޑިޔާރުންގެ ނަމާއި އެއްކޮށް ހާމަކުރަމުން ގެންދިޔައީ." އޭނާ ވިދާޅުވި އެވެ.
މިކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އެހެން ބޭފުޅަކު ނަން ހާމަނުކުރަން އެދި ވިދާޅުވި ގޮތުގައި ކޯޓުތަކުގެ އިސް މަގާމުތަކަށް ފަނޑިޔާރުން ޝައުގުވެރި ނުވަނީ އަންނަ ބަދަލުތަކާ އެކު ބޮޑުވާ ޒިންމާތަކަށް ހެދި އެވެ. އަދި ޒިންމާ ބޮޑުވިޔަސް، މުސާރައަށް މާ ބޮޑު ބަދަލެއް ނާންނަ ކަން އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.
"ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ފަރިތަ ވާންޖެހެނީ ޖިނާއީ މައްސަލަތަކަށް އެކަނި. އެކަމަކު ހައި ކޯޓަށް އައިމަ ހުރިހާ ބާވަތެއްގެ މައްސަލަތަކަށް ފަރިތަވާން އެބަޖެހޭ. އެހެންވީމަ ދަށު ކޯޓުތަކާ އަޅާ ބަލާއިރު ބިޒީ ތަނެއް ހައި ކޯޓަކީ. އެކަމަކު ޒިންމާ ބޮޑުވާއިރު މުސާރައަށް ކުޑަ މިންވަރެއް އިތުރުވަނީ،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ފަނޑިޔާރުން ނެގުމުގައި ވަކި ބަޔަކަށް އިސްކަން ދޭ އުސޫލެއް ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާބިލް ބޭފުޅުންގެ ތެރެއިން މަތީ ކޯޓުތަކަށް ކުރިމަތިލާ ބޭފުޅުންގެ އަދަދު މަދުވުމުން އެކި ތުހުމަތުތައް ކުރަން ފުރުސަތު ލިބެނީ އެވެ.
"ވަކި ކަހަލަ ސެޓިންއެއްގެ ދަށަކުން ނޫން ފަނޑިޔާރުން ނަގަނީ." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން ހަރަކާތްތެރިވާ ގާނޫނީ ދާއިރާގައި ތިއްބެވި ތަޖްރިބާ ހުރި ގާބިލް ބޭފުޅުން ޝަރުއީ ދާއިރާގެ އިސް މަގާމުތަކާ ދުރަށް ދިއުމަކީ ނުވަތަ އެފަދަ މަގާމުތަކާ ހަވާލުވާން ފަސް ޖެހުމަކީ ވިސްނަންޖެހޭ މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ