ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް: ރައީސް

ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، އިބްރާޙީމް ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ވަރަށް ސާފުކޮށް ފެނިވަޑައިގެންނެވި ކަމަށެވެ.
އެ އިންތިޚާބުގައި ގާތްގަނޑަކަށް 55 އިންސައްތަ ވޯޓު އެ ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ދެއްވިކަން ފާހަގަކުރައްވައި، އެކަމުން އެ ދާއިރާ އޮތީ ސަރުކާރާ އެކީގައިކަން ހާމަވާ ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
ރައީސް ވަނީ، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވޯޓު ލާއިރުވެސް އޭރުގެ އެ ވިސްނުމާ އެއްގޮތަށް ވޯޓު ދިނުމަށް ގުރައިދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވިގޮތުގައި އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ޝާޒް އަކީ އެ ދާއިރާގެ ތަރައްގީއަށްޓަކާ ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެކެވެ.
ޝާޒް އަށް ދޭ ވޯޓަކީ ގެއްލިގެންދާނެވޯޓެއް ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ ޝާޒްއަށް ވޯޓު ދެއްވުމަށް އެ ދާއިރާގެ ރައްޔިތުން ކިބައިން އެދިވަޑައިގެންފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގަ އެވެ.
މި ބައި-އިލެކްޝަންގައި ޕީޕީއެމުންނާއި އެމްއެންޕީން ވެސް ވާދަކުރެއެވެ. މި ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ގޮތުގައި ކަނޑައަޅާފައި ވަނީ އަވަހާރަވި ރިޟާގެ ކޮއްކޮ އެއް ކަމަށްވާ ހުސައިން ރިޒާ އެވެ. އަދި އެމްއެންޕީގެ ޓިކެޓް ދީފައި ވަނީ ގުރައިދޫ ފިޔާތޮށިގެ، އަލީ އާރިފް އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ