އަހްނާ ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ބޮޑު މުބާރާތަކަށް

ކުޅުދުއްފުށީ ޝަރީފް ސްޕޯޓްސްއިން ތަމްރީން ވަމުން އަންނަ އެތްލީޓް އަހްނާ ނިޒާރު އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނިއްޖެ އެވެ.
މިމުބާރާތް ކުރިއަށްދާނީ އޭޕްރީލް މަހުގެ 27 ން 30 އަށް އުޒްބެކިސްތާންގަ އެވެ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 9 ގައި ތައުލީމު ހާސިލް ކުރަމުންދާ އަހްނާއަކީ މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ ޒުވާން އެތްލީޓުންގެ ތެރޭގައި ހިމެނޭ އެތްލީޓެކެވެ.
ގައުމީ ފެންވަރުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ އަހްނާ ވަނީ މިދިޔަ އަހަރު ކުރިއަށް ދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ 100 މީޓަރުގެ ފައިނަލުގައި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަންގެ ފަހަތުގައި ވިއްދާލާ ދެވަނަ ހާސިލްކޮށްފަ އެވެ. އަދި 200 މީޓަރުން ވެސް އަހްނާ ވަނީ ހިމްނާގެ ފަހަތުން ރިހި މެޑަލް ހާސިލްކޮށްފަ އެވެ،.
އަހްނާ ނިޒާރު-- ފޮޓޯ: އަލީ ޝަރީފް
އަހްނާ ވަނީ އެންމެފަހުން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު އަދި 17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓުގެ މަގާމުވެސް ހޯދާފަ އެވެ. އަދި އޭނާ ވާދަކުރި ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދާ ހުރިހާ އިވެންޓެއްގެ މީޓް ރެކޯޑް ވެސް ހަދާފައިވެ އެވެ.
ޖޫނިއާ ޗެމްޕިއަންޝިޕުގައި 100 މީޓަރު ދުވުމުން އަހްނާ ރަން މެޑަލް ހާސިލްކުރީ 13.37 ސިކުންތުން ދުވެގެންނެވެ. އަހްނާ އަކީ މިވަގުތު ރާއްޖޭގައި ހުރި ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާ އެވެ. މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވެސް އަހްނާ ވާދަކުރިއިރު އޭނާ ވަނީ 100 މީޓަރާއި 200 މީޓަރުން ރަން މެޑަލް ހޯދާފަ އެވެ. ޓްރިޕަލް ޖަމްޕުން ރިހި މެޑަލް ލިބުނުއިރު އަހްނާ ވަނީ އެއްވަނަ އަންހެން އެތްލީޓް އައިޝަތު ޝައިމް އަޒީޒްއާ ވަރަށް ގާތުން ވާދަކޮށްފަ އެވެ.
އަހްނާ 100 މީޓަރު ނިންމީ 12.72 ސިކުންތުންނެވެ. އަދި 200 މީޓަރު ނިންމީ 26.06 ސިކުންތުންނެވެ. ޓްރިޕަލް ޖަމްޕުގައި 10.46 މީޓަރަށް ފުންމައިގެން އަހްނާ ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ. ޝައިމްއަށް އޯޕަން ބައިގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ލިބުނީ 3 ރަން މެޑަލް ހޯދުމުންނެވެ.
އަހްނާ ނިޒާރު-- ފޮޓޯ: އަލީ ޝަރީފް
އަހްނާ ކޯޗު އަލީ ޝަރީފްއާއެކު-- ފޮޓޯ: އަލީ ޝަރީފް
މިފަހަރުގެ އޭޝިއަން ޔޫތް އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ޓީމުގައި އަހްނާގެ އިތުރުން ދެ އެތްލީޓުން ހިމެނެ އެވެ. އެއީ ޒިވާ މޫސާ ޝަފީއު އަދި ޒުއިޒް މުހައްމަދު ސުއާދު އެވެ. އަދި ޓީމުގެ ކޯޗަކީ އަބްދުﷲ އިބްރާހިމް އެވެ.
މީގެކުރިން ވެސް އަހްނާ ވަނީ އެތައް އިވެންޓަކުން ރަންވަނަތައް ހޯދާ ރަށަށް ރީތިނަން ހޯދައިދީފަ އެވެ. މީގެކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި އަހްނާ ވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އޮލިމްޕިކްސްގައި ވާދަކޮށް ގައުމަށް ބައިނަލްއަގްވާމީ މެޑަލްއެއް ހޯދައިދިނުން ކަމަށް ބުނެފަ އެވެ.
އަހްނާ މިހާރު އަންނަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެތްލީޓުންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށް އެތްލެޓިކްސް ކެރިއަރުގައި އުޖާލާ ކުރިމަގެއް ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ