''ޓްރާންސްސެކްޝަނަލް'' އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

"ޓްރާންސްސެކްޝަނަލް" އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށާއި އެއީ ނާކާމިޔާބީގެ އަސްލު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ކުރާ ދަތުރުތަކުގައި ތަންފީޒުކުރުމަށް ވައުދުވާ ސިޔާސަތު އެކުލަވައިލުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ. ޓްރާންސްސެކްޝަން އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ނާކާމިޔާބުގެ އަސްލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. https://twitter.com/MohamedNasheed/status/1638870727012270080?cxt=HHwWgIDSxcePuL4tAAAA ނަޝީދު މިހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު އެމްޑީޕީގެ ތެރެއިން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ފެކްޝަނެއް އުފައްދާފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ދެބަސްވުންތައް ވެސް ދަނީ އުފެދެމުންނެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތްޕުޅުގައި މަސައްކަތް ކޮށްގެން އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ނަޝީދު ފެކްޝަނުން ވަނީ ބުނެފައެވެ. އަދި ރައީސް ޞާލިޙާއެކު ރިޔާސީ ރޭހަށް ނިކުތުމުގެ އެއްވެސްކަހަލަ ޝައުގުވެރިކަމެއް ނެތްކަން އެ ފެކްޝަނުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓީއާ ބައްދަލުކޮށް ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ފަށައިފައެވެ. އަންނަ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދަން ރައީސް ޞާލިޙު ގިނަ ޕާޓީތަކަށް ދައުވަތު ފޮނުއްވާފައިވާއިރު، ޖޭޕީއަށް ވެސް ވަނީ އެ ދައުވަތު ވަނީ ފޮނުވާފައެވެ. ނަމަވެސް ޖޭޕީން ނިންމާފައި ވަނީ އެ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ