ހެކި ނައްތާލަން އުޅޭކަމުގެ ތުހުމަތު މަމްދޫހުގެ މައްޗަށް ކޮށްފި

"ކޭޕާކް ރެސިޑެންސް" ގެ އެޕާޓްމަންޓުތައް ވިއްކުމުގައި ސައްހަނޫން މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅަފައިވާ މައްސަލަ ތަހުގީގުކުރަމުންދާއިރު އެ މައްސަލައިގެ ހެކި ނައްތާލަން މަސައްކަތްކުރާކަމުގެ ތުހުމަތު ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ މައްޗަށް ކޮށްފިއެވެ.
އޭނާގެ މައްޗަށް ހެކި ނައްތާލުމަށް މަސައްކަތްކުރާކަމުގެ ތުހުމަތާއި ތަހުގީގަށް އެއްބާރުލުން ނުދޭކަމުގެ ތުހުމަތުކޮށް، ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައިވަނީ ކުންފުނީގެ އެމްޑީ ޖިން ޝިހޫގެ ސޮއި ފޯޖްކޮށްގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދުމަށް މަމްދޫހު ހިންގާފައިވާ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.
އަދި ކުންފުންޏަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ކުންފުނީގެ ބޯޑު ބައްދަލުވުންތައް ބޭއްވުމަށް މަމްދޫހުގެ ފަރާތުން ކުރިމަތިކުރުވި އުނދަގޫތައްކަން ހާމަކޮށް ބަޔާނުގައި ބުނެފައިވަނީ، މިހާރު އެ ހުރަސްތަކާއި އުނދަގޫތައް ނައްތާލެވިފައިވާކަމަށާއި އަމާޒު ހިފާފައިވަނީ އަހަރުގެ ފަހު ކުއާޓާގައި ފްލެޓްތައް ހަވާލުކުރުމަށް ކަމަށްވެސް ކުންފުނީގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް މަމްދޫހުގެ ފަރާތުން ކުންފުނީގެ ލިޔެކިޔުންތައް ނުދީ ހިފަހައްޓައި ތަހުގީގަށް އެއްބާރުލުންނުދީ ހެކިނައްތާލުމަށް މަސައްކަތްކޮށްފައި ވުމުގެ ސަބަބުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް އެ ލިޔެކިޔުންތައް ފުރިހަމައަށް ލިބޭގޮތްވެފައި ނުވާތީ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ކުންފުނިން ހާމަކުރެއެވެ.
އެ ކުންފުނިންވަނީ ރާއްޖޭގެ ސަރުކާރުގެ އިދާރާތަކުން ހޯދަން އެދޭ މައުލޫމާތު ފޮރުވުމެއްނެތި ދިނުމަށް ކަސްޓަމަރުންގެ ކިބައިންވެސް އެދެފައެވެ.
މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މި މައްސަލަ ރައްދުވެފައިވަނީ ކޭޕާކް ޕްރޮޖެކްޓްގެ މައިނޯރިޓީ ހިއްސާދަރުންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ވިޔަފާރިވެރިޔާ ހަސަން މަމްދޫހް (މަންޑޭ) އަށާއި އެ ޕްރޮޖެކްޓް ހިންގުމުގައި ވެސް މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝަން ސައީދުގެ މައްޗަށެވެ.
މި މައްސަލައާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ފުލުހުންގެ އެދުމަށް ކޯޓު އަމުރަކުން މަމްދޫހްގެ ޕާސްޕޯޓް ހިފަހައްޓާފައިކަން ދިވެހި ފުލުހުންގެ ހިދުމަތުންވަނީ މީގެކުރިން ވީ ނިއުސްއަށް ކަށަވަރުކޮށް ދެއްވާފައެވެ. އެހެންނަމަވެސް މަންޑޭ ވަނީ އޭނާގެ މައްޗަށް ކުރާ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާވަނީ މީގެ ކުރިން ހަންބޯ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބަޔާނެއް ނެރެފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އައިއިރު އާބަންކޯގެ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެނގިފައިވާގޮތުގައި އެ ކުންފުނިންވަނީ އިމާރާތްކުރަން ނިންމި އަދަދުގެ އިތުރަށް 60 އަށް ވުރެ ގިނަ ފްލެޓް ވިއްކާފައެވެ. އަދި މީގެ ތެރެއިން ބައެއް އެޕާޓްމަންޓްތައް ދެތިން މީހުންނަށްވެސް ވިއްކާފައިވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ