ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އަނިޔާވެރިކަމާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް އެކަމާ އެއްވެސް ހިތް ބުރަކަމެއް ނެތް ކަމަށާއި އަނިޔާވެރިންނަށް މާފު ކުރައްވައިފިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ މަޖިލީހުގައި ރަސްމީކޮށް ހުޅުވާދެއްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސިޔާސީ މަސްރަހުގައި އުޅޭ އިރު ސިޔާސީ އެކި “ކުޅިގަނޑުތަކާ” ދިމާވާނެ ކަމަށާއި އެއީ އެކަކު އަނެކަކާ ހިތް ބުރަކޮށްގެން ނުވަތަ ހަސަދަލައިގެން ފަހަތުން ދުވެ، ނުނެއްޓިގެން އުޅެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ ދުވަސްވަރު ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ކުރަމުންދިޔަ ތަފާތު އެކިއެކި ބާވަތް ބާވަތުގެ ހުކުމްތައް ކުރަމުންދިޔަ ކަމަށެވެ. އަދި އޭނާއަށް ވެސް އައިރު ގާނޫނީ ހުކުމެއް ކުރީ މައްސަލައެއްގައި ތަހުގީގަށް ކަމަށް ބުނެ، އެތަކެއް ފަހަރެއްގެ މަތީން ދޫނިދޫ ޖަލުގައި ބަންދުކޮށް އުޅުމުގެ ތެރެއިން ދިމާވި ސިއްހީ ހާލަތަކާ ގުޅިގެން ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާއަށް އެޑްމިޓުކޮށްފައި އޮއްވައި ކަމަށާއި ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާލި ފަހުން ޕާސްޕޯޓެއް ވެސް ނެތް ކަމަށް ގާސިމް ވިދާޅުވި އެެވެ.
“އެއީ އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ހިތްބޮޑުކޮށްގެން ހަސަދަލައިގެން ފަހަތުން ދުވެ ނުނެއްޓިގެން އުޅެން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުގެ ހިތްހަމަ ގައިމުވެސް ހިތް ހަލާސް. އަޅުގަނޑުގެ ހިތް ހަމަގައިމު ވެސް ވަރަށް އިހްލާސްތެރިކަމާއެކު ހަލާސް ކުރަން.” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކޮންމެ ބޭފުޅަކު ވެރިކަން ކުރެއްވި ނަމަވެސް އެއްވެސް ވެރިއަކަށް 100 ޕަސެންޓް ރަނގަޅަކަށް ކަންކަން ނުކުރެއްވޭނެ ކަމަށެވެ. އަދި ޖޭޕީން އަބަދުވެސް މަސައްކަތް ކުރަމުން އައީ ކަންކަން އިސްލާހު ކުރުމަށް ކަމަށާއި އެ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭގެ އިތުރުން އިސްލާހަށްޓަކައި ތެދުވަންޖެހޭ ކޮންމެ ވަގުތަކު ޖުމްހޫރީ ޕާޓީގެ ފަހުލަވާނުން ތެދުވާނެ ކަމަށާއި އެފަދަ ކޮންމެ ވަގުތެއްގައި ޕާޓީގެ މެންބަރުންގެ ގައިގައި ޖަހާނީ އިސްލާހުގެ ވިންދު ކަމަށްވެސް ވިދާޅުވި އެެވެ.
އަނިޔާވެރިންނަށް މައާފުކޮށްފިން، އެއްވެސް ހިތްބުރަކަމެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ