އިންޑިއާ އެއްބަސްވުންތައް ދެއްކުމަށް ގާސިމް އެދުމުން ރައީސް ދެއްކީ ފޭކް އެއްބަސްވުންތަކެއް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެރިކަން ކުރާ އެމްޑީޕީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތާއީދު ހޯދުމަށް އެދި ކުރަމުންދާ މަޝްވަރާތަކުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ގޮތް ނޭނގޭ ސިއްރު އެގްރިމެންޓްތައް ދެއްކުމަށް ގާސިމް ޑިމާންޑު ކުރެއްވުމުން ފޭކް އެއްބަސްވުންތަކެއް ސަރުކާރުގެ ފަރާތުން އޭނާއަށް ދައްކާފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިއްޖެއެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް އިބްރާހީމް ސަންއައިލެންޑް ރިސޯޓަށް ދިޔައީ މީގެ ދެ ދުވަސް ކުރިންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ކެމްޕޭން ކުރުމުގެ ވަގުތު ކުޑަތަންވަމުން އައި ނަމަވެސް ރައީސް އިބްރާހީމް އަދިވެސް ހުންނެވީ ގާސިމްގެ ތާއީދު ލިބޭނެ ކަމުގެ އުއްމީދުގައި އެ ރިސޯޓްގައެވެ.
ރައީސް އިބްރާހީމްއަށް ތާއީދު ކުރުމުގެ މުގާބިލުގައި ގިނަ ކަންތައްތަކެއް ގާސިމްގެ ފަރާތުން ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި މި ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ގޮތްނޭނގޭ ސިއްރު އެއްބަސްވުންތައް އޭނާއަށް ދެއްކުން ހިމެނެއެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ގާސިމް އެންމެ ބޮޑަށް ދެއްކި ވާހަކައަކީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމާއި ރައީސް އިބްރާހީމްގެ ވެރިކަމުގައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ވާހަކައެވެ.
ދެވަނަ ބުރެއްގައި ރައީސް އިބްރާހީމްއަށް ތާއީދު ކުރުމުގެ ކުރިން އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ބަލަން ބޭނުންވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ދެވަނަ ބުރުގައި ރައްޔިތުން ކައިރިއަށް ކެމްޕޭނަށް ނުކުންނަ އިރު، އޭނާގެ ކުރީގެ ވިސްނުން ބަދަލު ކުރެއްވީ އެއްބަސްވުންތައް ބަލައި އޭގައި ގޯހެއްނެތީމަ ކަމަށް ބުނުމަށެވެ.
ގާސިމްގެ ޑިމާންޑާއި އެއްގޮތަށް ސަރުކާރުން އަންނަނީ އިއްޔެއިން ފެށިގެން އިންޑިއާ އާއެކު ވެފައިވާ އެގްރިމެންޓްތައް ކަމަށްބުނެ ބައެއް ބައިތައް އުނި އިތުރު ކޮށްފައިވާ ފޭކް އެގްރިމެންޓްތަކެއް އެއީ އަސްލު ކަމަށްބުނެ މާލެއިން ސަން އައިލެންޑަށް ގެންގޮސް ދައްކަމުންނެވެ. "ދިޔަރެސް" އަށް މައުލޫމާތުދިން ގާސިމްއާއެކު ސަންއައިލެންޑްގައި މިވަގުތު ހުންނެވި ޖުމްހޫރީ ޕާޓީގެ އިސްވެރިއެއް ވިދާޅުވި ގޮތުގައި ދައްކަމުންދާ އެގްރިމެންޓްތަކަކީ އަސްލުކަން އެނގޭނެ އެއްވެސް ގޮތެއްނެތް ކަމަށާއި، އެގްރިމެންޓްތައް ކިޔަމުންދާއިރު ބައެއް ބައިތައް މަދުކަން ފާހަގަކުރެވުނު ކަމަށާއި، އަދި އެގްރިމެންޓްތަކުގެ މާއްދާތަކުގައި ބޮޑެތި ފުށުއެރުންތައް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.
"އެގްރިމެންޓްގެ އެއް ޕޭޖުން އަނެއް ޕޭޖަށް ދާއިރު ގެންގުޅެފައިވާ ބަސްމަގުވެސް ވަރަށް ތަފާތުކަން ފާހަގަކުރެވުނު. އެފަދަ އެއްބަސްވުންތަކުގައި ހުންނަންޖެހޭ ކޮންސިސްޓެންސީ އެއްވެސް ގޮތަކަށް ނެތް. އެގްރިމެންޓްގެ މާއްދާތައް ގުޅިފައިވާ ތަނެއް ނުފެނޭ، ބައެއް މާއްދާތައް އުނިކޮށް އިތުރުކޮށްފައިވާ ކަމަށް ބޮޑަށް ބެލެވެނީ. ވަރަށް ބޮޑަށް ގަބޫލުކުރެވޭ ފޭކް އެގްރިމެންޓްތަކެއް ހަދައިގެން ގެނެސް ލީޑަރަށް އޮޅުވާލަން ސަރުކާރުން މަސައްކަތްކުރާކަމަށް" އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުުރުން އެމްއެންޑީއެފްގެ އިސް ވެރިއަކުވެސް ވަނީ އެ އެއްބަސްވުންތަކަކީ ސައްހައެއްޗެއް ނޫންކަން ކަށަވަރުކޮށްދީފައެވެ. މިގޮތުން އުތުރުތިލަފަޅު އެއްބަސްވުމުގެ ސޮއިކުރި ކޮޕީއާއި އަދި ފަހުން މާއްދާތަކަށް ބަދަލުގެނެވުނު ކޮޕީ އޮތީ ޑިފެންސް މިނިސްޓްރީގެ ތިޖޫރީއެއްގައި ކަމަށާއި އެތަނުން އެ އެއްބަސްވުނު ފާއިތުވި ދެ ދުވަހު ނެރެފައި ނުވާކަން އޭނާ ކަށަވަރު ކޮށްދެއެވެ.
"މިއީ 24 ގަޑިއިރު ޑިއުޓީ ކުރާތަނެއް. ސޭފްގަ ހުރި ޑޮކިއުމެންޓްސް މޫވްކޮށްފައި ނުވޭ. ޤާސިމަށް ދައްކަނީ މިތަނުން ގެންދިޔަ އެއްޗެއް ނޫންކަން ޔަގީންކޮށް ބުނަން އެނގޭ" އެ ބޭފުޅާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރަށްރަށަށް އެރުމުން އިންޑިއާ ސިފައިން ފެނިފައިވާކަމަށާއި، ރައީސް އިބްރާހީމްއަށް ދެވަނަ ދައުރެއް ދީފިނަމަ އިންޑިއާއިން އެކަން މާނަކުރާނީ އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހީން ރުހޭ ކަމަށް، ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި އޭނާ ބައެއް ރަށްރަށުގައި ބައްދަލުވުންތައް ބޭއްވި ސަރަހައްދުގެ ވަށައިގެން އިންޑިއާ ސިފައިން ވެހިކަލްތަކުގައި ދުއްވިކަމަށް ވިދާޅުވެފައިވެއެވެ. ގާސިމް އެފަދައިން ވާހަކަ ދައްކަވާތީ ރައީސް އިބްރާހީމްވެސް ވަނީ ގާސިމަށް ކެމްޕޭންތެރޭ ރައްދު ދެއްވައި އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ