ލިބިފައިވާ ހުނަރަކީ ކޮބައިކަން ހޯދާ، ތަރައްގީ ކުރުން މުހިއްމު: އެޑިއުކޭޝަން މިނިސްޓަރު

އިންސާނާއަށް ދެއްވާފައިވާ ގުދުރަތީ ހަދިޔާ، ނުވަތަ ހުނަރަކީ ކޮބައިކަން ހޯދައި އެހުނަރެއް ތަރައްގީކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ދަރިވަރުންނަށް ކިޔެވުމުގެ ތެރެއިން ދަސްކޮށްދިނުމަށް ޓަކައި ސުކޫލްތަކުގައި ބޭނުންކުރާ ފުރަތަމަ ލެބް، ތާޖުއްދީން ސުކޫލްގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ލެބު ހުޅުވައިދެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކޮންމެ ގަހެއްގައި ވެސް ވަކި މަލެއް ފަރިވެ ފޮޅޭ ފަދައިން، ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް އެކުއްޖަކަށް ޚާއްސަ ގާބިލްކަމަކާއި ހުނަރެއް ވާ ކަމަށެވެ. ނަމަވެސް އެކުދިން ދުނިޔެ ދޫކޮށްފައި ދަނީ މާތްﷲ ދެއްވާފައި އެފަދަ އަގުބޮޑު ނިއުމަތުގެ ބޭނުން ނުހިފި ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރެވޭނީ ތަފާތު ކަންކަން ކޮށް، އެކުއްޖަކަށް އެންމެ މޮޅަށް ކުރެވޭ ކަމަކީ ކޮބައިކަން ދެނެގަނެ، ތަޖުރިބާ ކުރެވިގެން ކަމަށެވެ. "ކިތަންމެ ކުދިންނެއް ފުރާވަރަށް އަރައި، ހަރުވެ، މުސްކުޅިވެ މި ދުނިޔެ ދޫކޮށްދަނީ މާތްﷲ ދެއްވާފައިވާ ޚާއްސަ ޤާބިލުކަން ފާހަގަ ނުކުރެވި، ތަރައްޤީ ނުކުރެވި. އެހެންވެ، ކޮންމެ އިންސާނަކަށް ދެއްވާފައިވާ ޤުދްރަތީ ހަދިޔާއަކީ، ޚާއްސަ ހުނަރަކީ ކޮބައިކަން ހޯދައި، އެ ތަރައްޤީކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ. ސުކޫލްތަކުގެ ދަރިވަރުންނަށް ފޮތުން އުނގަންނައިދެވޭ ތައުލީމުގެ އިތުރުން މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިއަދު ހުޅުވި ލެބުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ސިޔާސަތާ އެއްގޮތަށް، ވަށާޖެހޭ ތައުލީމެއް ކުދިންނަށް ދީގެން އެކުދީން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ހުޅުވި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޖެނެރަލް ލެބަކީ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ތަނަވަސްވެގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އޭގެ އިތުރުން, އެއީ 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކާ އިތުބާރާއެކު ވާދަކުރެވޭނެ ދަރިންތަކެއް ބިނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށާއި ސުކޫލް ނިންމައި ދަރިވަރުންނަށް އެ ކުދިން ޝައުގުވެރިވާ ދާއިރާތައް ބަލައި ހޯދައ،ި ހުނަރު ދަސްކުރުމަށާއި އެކަމަށް ހިތް ޖެއްސުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި ހުނަރުވެރިންނާއި ފަންނުވެރިންގެ މަސައްކަތުގެ މުހިއްމުކަން ދަރިވަރުންނަށް ހާމަކޮށްދޭން ކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް، 82 ސުކޫލެއްގައި މަސައްކަތްތެރިކަން ދަރިވަރުންނަށް ދަސްކޮށްދޭން ޤާއިމްކުރެވޭ ލެބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޖެނެރަލް ލެބް ހުޅުވީ ތާޖުއްދީން ސުކޫލްގައި ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ލެބްތަކުގެ އެހީގައި ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ކޮންމެހެން ދަސްކުރަންޖެހޭ މުހިންމު އެތައް ހުނަރަކާއި އާޓް އެންޑް ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެ ކަމަށެވެ. އަދި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެ ކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަަލުގައި ހުނަރުވެރި، ޤާބިލު، ތައުލީމީ ޖީލެއް ބައްޓަންކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށެވެ. ތާދުއްދީން ސުކޫލްގައި މިއަދު ހުޅުވި ލެބުގެ އިތުރުން ވަކި ވަކި ހުނަރުތަކަށް ޚާއްސަކޮށްގެން ހުޅުވާ ލެބްތައް ވެސް ކުރިއަށްއޮތް ތަނުގައި އެ ސުކޫލްތަކުގައި ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި އެއާ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތަކާއި އިލެކްޓްރޯނިކް މަސައްކަތާއި ވަޑާމުގެ މަސައްކަތަށް ޚާއްސަކޮށްފައިވާ ލެބްތައް ހިމެނޭނެކަން ފާހަގަ ކުރެއްވިއެވެ. މުދައްރިސުންނަށް ކުރައްވާ އިލްތިމާސެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ފިލާވަޅުތަކުގެ ތެރެއަށް ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ބައިތައް ހިމެނުމާއެކު އެލެބްތަކުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މުދައްރިސުންނަށް ލިބިފައިވާ ތަމްރީނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި ހީވާގިކަމާއެކު ކުރިއަށްގެންދިޔުމަށެވެ. "ޤައުމު ބިނާކުރަން ބޭނުންވަނީ ފޮތު އިލްމަށްވުރެ އަމިއްލައަށް ކަންކަން ކުރަން ދަންނަ ހުނަރުވެރިން. ޤައުމު ބިނާކުރަން ބޭނުންވަނީ ރޮބޮޓްތަކަކަށްވުރެ އަމިއްލަ ސިކުނޑިން އީޖާދީ ވިސްނުން ވިސްނާ ފަންނުވެރިން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އަމާޒު ހުރީ މިފަދަ ދަރިންތަކެއް ރާއްޖޭގެ ސްކޫލުތަކުން ތައްޔާރު ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ ސުކޫލް ނިންމައި ކުދިންނަކީ ކޮންމެ މަސައްކަތެއް ވެސް ކުރަން ފަސްނުޖެހޭ، އަބުރުވެރި ބަޔަކަށް ވުމަށާއި ކޮންމެ ކުއްޖަކީ އެކުއްޖެއްގެ އާއިލާއާއި ރަށަށް އަދި ޤައުމަށް މަތިވެރި ނިއުމަތެއްކަމަށް ވާނޭ ގޮތަށް، ރަށުގެ ތަރައްޤީއަށާއި ޤައުމު ބިނާ ކުރުމުގައި ދެމިތިބޭނެ ކުދިބަޔަކަށްވުމަށް ނަސޭހަތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ