ދައުލަތުގެ ފައިސާ ޚަރަދުކުރާނެ ގޮތް ހިމެނޭ ގޮތަށް، ފިނޭންސްއިން އިދާރާތަކަށް ތަމްރީނު ޕްރޮގްރާމެއް
މާލެ ސަރަހައްދުގެ ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން، ދައުލަތުގެ ފައިސާ ޚަރަދުކުރާނެ ގޮތް ހިމެނޭހެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންގޮސްފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެއީ މާލެ ސަރަހައްދުގެ ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށެވެ. އެ ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީއެވެ. ތިން ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި 51 އިދާރާއަކުން 168 ބައިވެރިން ބައިވެރިވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ފަހު ސެޝަން ބާއްވާފައި ވަނީ މިއަދުގެ ހަވީރެވެ. https://x.com/MoFmv/status/1951565362736275947 މި ސެޝަންތަކުގައި މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ކިޔައިދީފައިވަނީ: ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު. ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި ބަލައިގަތުމާއި ބެލެހެއްޓުން. މުވައްޒަފުންގެ މާލީ ޒިންމާ އަދި މަސްއޫލިއްޔަތު މުސާރައާއި އިނާޔަތް، މުވައްޒަފުންނަށް ހިނގާ ޚަރަދު، ޓްރަސްޓްފަންޑާއި ޓްރަސްޓް އެކައުންޓް، ދައުލަތުގެ ފައިސާ ޚަރަދު ކުރުމާއި ހިސާބު ބެލެހެއްޓުން. ދައުލަތުގެ މުދާ ސްޓޮކް އަދި ނީލަން ޕޯޓަލް. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ސެޝަނަކީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ސެޝަނެކެވެ. އަދި އެ މިނިސްޓްރީގެ އުންމީދަކީ އެ ސެޝަންގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ފައިދާވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މުއައްސަސާތަކަށް އަމާޒުކޮށްގެން ފިނޭންސް މިނިސްޓްރީން އެފަދަ ޕްރޮގްރާމެއް ބޭއްވިއިރު، ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރަން ވަނީ މަޖުބޫރުވެފައެވެ. މި ސަރުކާރުން ޚަރަދުކުރަން އިސްލާހީ ބޮޑެތި ފިޔަވަޅުތަކެއް އިއުލާންކޮށް، ބަޖެޓުގައި ވެސް ހިމެނި ނަމަވެސް، ބައެއް ފިޔަވަޅުތައް ނާޅާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ