މޮޅަދޫއާއި އުލިގަމުގައި ހެދި ފެނަކައިގެ އާ އޮފީސް އިމާރާތާއި އިންޖީނުގެ ހުޅުވައިފި

ހއ. މޮޅަދޫއާއި އެ އަތޮޅު އުލިގަމުގައި ހެދި ފެނަކައިގެ އާ އޮފީސް އިމާރާތާއި އިންޖީނުގެ ހުޅުވައިފި އެވެ. ދެ ރަށުގެ އާ އޮފީސް އިމާރާތާއި އިންޖީނުގެ ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ދެ ރަށުގެ ތެރެއިން މޮޅަދޫގައި މީގެ ކުރިން ހުރި އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި 25 އަހަރު ވަންދެން ހިންގަމުން އައި ތަނެކެވެ.
މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކޮށް ހެދި އާ އިންޖީނުގޭގެ ބޮޑުމިނަކީ 94 ފޫޓު/ 50 ފޫޓެވެ. އެތަނުގައި މިހާރު ތިން އިންޖީނު ބަހައްޓާފައިވާ އިރު، ޖުމުލަ ކެޕޭސިޓީއަކީ 480 ކިލޮވޮޓެވެ.
އަދި އަލަށް ހެދި އިންޖީނުގޭގައި ކޮންޓްރޯލް ރޫމެއް، ޑެގްރޫމެއް، ވޯކްޝޮޕެއް، ސްޓޯރެއް، ޗިމްނީ، ފިއުލް ޓޭންކެއްގެ އިތުރުން ޕޭންޓްރީ އަދި ފާހާނާއެއް ހުރެއެވެ.
އާ އޮފީސް އިމާރާތުގެ ބޮޑުމިނަކީ 33 ފޫޓު/ 49 ފޫޓެވެ. އާ އޮފީސް އިމާރާތުގައި މިހާރު 30 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭ އިރު، އެތަނުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓިން ރޫމެއްގެ އިތުރުން މެނޭޖަރު ކޮޓަރިއަކާއި ޓެކްނިކަލް ސްޓާފް ރޫމަކާއި ރެސްޓް ރޫމެއް އަދި ޕޭންޓްރީ އަކާއި ފާހާނާއެއް ހުރެ އެވެ.
އުލިގަމުގައި މީގެ ކުރިން ހުރި އިންޖީނުގެއަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި 30 އަހަރު ވަންދެން ހިންގަމުން އައި ތަނެކެވެ.
މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކޮށް ހެދި އާ އިންޖީނުގޭގެ ބޮޑުމިނަކީ 35 ފޫޓު/ 83 ފޫޓެވެ. އެތަނުގައި މިހާރު ތިން އިންޖީނު ބަހައްޓާފައިވާ އިރު، ޖުމުލަ ކެޕޭސިޓީއަކީ 458 ކިލޮވޮޓެވެ.
އަދި އަލަށް ހެދި އިންޖީނުގޭގައި ކޮންޓްރޯލް ރޫމެއް، ސްޓޯރެއް، ވޯކްޝޮޕެއް، އިންޖީން ރޫމެއް ހަދާފައިވެ އެވެ.
އާ އޮފީސް އިމާރާތުގެ ބޮޑުމިނަކީ 33 ފޫޓު/ 50 ފޫޓެވެ. އާ އޮފީސް އިމާރާތުގައި މިހާރު 30 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭ އިރު، އެތަނުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ކޮޓަރިއަކާއި ރޫމަކާއި މީޓިން ރޫމެއްގެ އިތުރުން ގެސްޓް ރޫމެއް އަދި ޕޭންޓްރީ އަކާއި ފާހާނާއެއް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ