ކުރީގެ ރައީސް މައުމޫންގެ، މައުމޫން ފައުންޑޭޝަން އުވާލަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޖަމިއްޔާ، މައުމޫން ފައުންޑޭޝަން އުވާލަން ޔޫތު މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - މައުމޫން ފައުންޑޭޝަނާ އެކު އިތުރު 1989 ޖަމިއްޔާއެއް އުވާލަން އެ މިނިސްޓްރީ އިން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ތަފްސީލު - ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނީ އުވާލަން އިއުލާން ކުރި ޖަމިއްޔާތަކަކީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާތަކެއް ކަމަށެވެ.
އެ ޖަމިއްޔާތައް އުވާލަން ލިސްޓު ކުރި ނަމަވެސް:
ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދި ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ
އެ ފުރުސަތު އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ގެ ނިޔަލަށް
އެ ތާރީހަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ
އެ ފުރުސަތު ދިނުމުގެ ބޭނުމަކީ އެ ޖަމިއްޔާއެއް ނިސްބަތްވާ ރަށާއި އަތޮޅަށާ އަދި މުޅި ގައުމަށް ނުހަނު ފައިދާ ހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދީފައިވާ ޖަމިއްޔާތަކަށްވާތީ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
އެނގުން މުހިންމު - 2010 ވަނަ އަހަރު އުފެއްދި މައުމޫން ފައުންޑޭޝަނަކީ ގިނަ ބަޔަކަށް ސްކޯލާޝިޕްގެ ފުރުސަތު ދީފައިވާ ފައުންޑޭޝަނެކެވެ. އަދި ދީނީ ކަންކަމުގައި އާންމުން ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށްފައިވާ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ މަސައްކަތްތައް ކޮވިޑުގެ ފަހުން މަޑު ޖެހުނު ނަމަވެސް، އެ ޖަމިއްޔާ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއެރުވުމުގައި ރައީސް މައުމޫންގެ ތަޖުރިބާ ހިއްސާކޮށް އެ ރޮނގުގައި މަސައްކަތް ކުރުމެވެ.
އެގޮތުން އެ ފައުންޑޭޝަންގެ މައިގަނޑު ހުރިހާ މަސައްކަތްތަަކީ ވެސް ރައީސް މައުމޫންގެ ވިސްނުންފުޅާއި ބެއްލެވުމުގެ ދަށުން ހިންގާ މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ