ހޮސްޕިޓަލުން ދޫކޮށްލުމުން އެމްބާޕޭ ރެއާލްގެ ފަރިތަކުރުންތަކަށް ހޮސްޕިޓަލުން ދޫކޮށްލުމުން އެމްބާޕޭ ރެއާލްގެ ފަރިތަކުރުންތަކަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރުމަށް އެމެރިކާ އަށް ދިޔަތަނާ ބަލިވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް، ކީލިއަން އެމްބާޕޭ ބަލިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ކްލަބް ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް ދިޔަތަނުން، ހުމެއް ޖެހި، ގެސްޓްރައިޓިސްގެ ކަންކަން ވެސް ދިމާވުމުން، އެމްބާޕޭ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ. އެހެންވެ، ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު ފުރަތަމަ ދެ މެޗުގައި އެމްބާޕޭ ކުޅެފައެއް ނުވެ އެވެ.
ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، ސައުދީ އަަރަބިއްޔާގެ އަލް ހިލާލްއާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ވަނީ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، މެކްސިކޯގެ ޕަޗޫކާ އަތުން 3-1 އިން މޮޅުވެފަ އެވެ.
ތިން ވަަނަ މެޗުގައި، މިރޭ ރެއާލުން އޮސްޓްރިއާގެ ސަލްޒްބާގާ ދެކޮޅަށް ކުޅޭއިރު، އެ މެޗުގެ ކުރިން ރެއާލުން ބޭއްވި ފަރިތަކުރުންތަކުގައި އެމްބާޕޭ ވަނީ ބައިވެރިވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ރެއާލްގެ ކޯޗު، ޒަބީ އަލޮންސޯގެ ވިސްނުން ހުރީ، ސަލްޒްބާގާ ދެކޮޅަށް އެމްބާޕޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.
ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ސަލްޒްބާގަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އަލް ހިލާލް އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ޕަޗޫކާ އަށް ޕޮއިންޓެއް ނުލިބި މުބާރާތުން ވަނީ ކަޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ