މީޑިއާ ބިލް: މީޑިއާތައް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ލިބޭ!

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑީއާ ކޮންޓްރޯލްކުރާ ބިލުގެ ބޭނުމަކީ ސަރުކާރު ނުރުހޭ މީޑިއާތައް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ. މި ބިލްގައި ވަނީ މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ކޮމިޝަނެއް އުފެއްދުމަށް ހިމަނާފަ އެވެ.އެ ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ނޫސްތައް ރަޖިސްޓަރީ ކުރުމާއި ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި ނޫސްތަކުގެ ސުލޫކު ކަނޑައެޅުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.އަލަށް އުފައްދާ ކޮމިޝަންގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި އަދި ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ތިން މެންބަރުން ކޮމިޝަނަށް ހޮވަނީ ރަޖިސްޓަރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ބިލުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި އޭނާއަށް ފެންނަނީ ސަރުކާރުގެ މުއައްސަސާތަކުން ކުރާ ވައްކަންތައް ފޮރުވައި، ނޫސްވެރިންނަށް އަދަބު ދީ، ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުން ކަމަށެވެ."ދައުލަތުގެ މުއައްސަސާތަކުން ވައްކަން ކުރީމަ އެކަންތައް ހޯދާ ބަލައި މީޑިއާތަކުގައި ލިޔަން ތިބި ބޭފުޅުންގެ ހަތަރެސްފައި ބަންދުކޮށް ކަސްތޮޅު އަޅައި އެބޭފުޅުން ޖަލަށްލައި، އެބޭފުޅުންނަށް އަދަބު ދީ، ސަރުކާރު ނުރުހޭ ކޮންމެ މީޑިއާއެއް މާލީ ގޮތުން ދަތިކޮށް ޖެއްސުންކޮށް ބަންދުކޮށް ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދިނުމަށް ހުށަހަޅާފައި އޮތް ބިލެއް މިއީ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ