ފްރީސްޓައިލް ގައުމީ ރިކޯޑު އުލްޔާ މުގުރާލައިފި

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ޢާއިޝަަތު ޢުލްޔާ ޝާއިޤް އައުކޮށްފިއެވެ. އޮސްޓްރޭލިއާގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިން ވެސްޓަން އޮސްޓްރޭލިއާ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ މި ރިކޯޑު އައުކޮށްފައިވަނީ 00:28.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދެވެ. އެއީ ތައިލެންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯޓްކޯސް (25މީޓަރު) އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 00.28.55 އިން އިވެންޓު ނިންމައިގެންނެވެ. އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އަދި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ވެސް އުލްޔާ މީގެކުރިން ވަނީ އައުކޮށްފައެވެ. ރާޢްޖޭގައި މިހާރު ތިބި އެންމެ އުންމީދީ ފެތުންތެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. އުލްޔާ ރިކޯޑު އައުކުރިއިރު ދާދިފަހުން ނިމުނު ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ ރިކޯޑުތަކެއް ހަދާފައެވެ. އެގޮތުން ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކުރި ގައުމީ ހަތަރު ފެތުންތެރިން ވަނީ ވާދަކުރި އިވެންޓުތަކުގައި އަށް ގައުމީ ރިކޯޑު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ