މުޅި ލާމަރުކަޒީ ނިޒާމު ބަދަލުކޮށް އަނެއްކާ ވެސް އަތޮޅުވެރިން އައްޔަން ކުރަނީ މުޅި ލާމަރުކަޒީ ނިޒާމު ބަދަލުކޮށް އަނެއްކާ ވެސް އަތޮޅުވެރިން އައްޔަން ކުރަނީ

ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އުޅޭ ރައްޔިތުންގެ ކަންކަން އެ ރައްޔިތުން އަމިއްލައަށް ނިންމުމުގެ ބާރު ދިނުމަށް އެކުލަވައިލި ގާނޫނުގެ ރޫހު ގެއްލުވާލައި އަނެއްކާ ވެސް އަތޮޅުވެރިން އައްޔަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އަތޮޅުވެރިން އައްޔަން ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކަށް ސަރުކާރުގެ އެތެރެއިން މަޝްވަރާކޮށް، ގާތްގަނޑަށް އެކަން ފައިނަލް ވެފައިވާ ކަމަށް އިތުބާރު ހުރި ތިން މަސްދަރަކުން އަދަދު އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކުގެ ޑްރާފްޓެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. އެ ކަރުދާހުގައި ހުށަހަޅާފައިވާ އެއް ކަމަކީ، އަތޮޅު ކައުންސިލަކީ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ މާއްދާ ބާތިލު ކުރުމެވެ.
އަތޮޅު ކައުންސިލުގެ ބާރުގެ ކަނޑުވާލުމަށްފަހު ސަރުކާރުން ބޭނުންވަނީ ކުރިން އަތޮޅުވެރިން އަދާކުރަމުންދިޔަ މަސައްކަތް ކުރުމަށް "އަތޮޅު މޮނިޓަރިން އަދި ރެގިއުލޭޓަރީ އޮފީސް" ގެ ނަމުގައި ކޮންމެ އަތޮޅެއްގައި އޮފީހެއް ގާއިމް ކުރުމަށެވެ. އެ އޮފީހުގެ އެންމެ އިސްވެރިޔަކީ ވަޒީރު އައްޔަން ކުރާ މީހެއް ކަމަށް ސަރުކާރުން އެކުލަވައިލި ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.
އަތޮޅު މޮނީޓަރިން އަދި ރެގިއުލޭޓަރީ އޮފީހަށް ގިނަ ބާރުތަކެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ކައުންސިލުތަކަށް ފިޔަވަޅު އެޅުމާއި އަތޮޅުތަކަށް ކަނޑައަޅާފައި ހުރި ފައިސާ އާއި ވަސީލަތްތައް ބެލެހެއްޓުން ހިމެނެ އެވެ.
ސަރުކާރުން ތައްޔާރުކޮށްފައިވާ ކަރުދާހުގައި، ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ވެސް ގިނަ ކަންކަން ހިމަނާފައިވެ އެވެ. އެންމެ ބޮޑު ކަމަކަށް ލިޔެފައި އޮތީ، އެލްޖީއޭއިން ހައި ކޯޓަށް ހުށަހަޅައިގެން ކައުންސިލު އުވައިލެވިދާނެ ކަމަށް އޮތުމެވެ. އަދި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ވެސް އެލްޖީއޭއިން ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.
ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ ގޮތުން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ބާރު ސަރުކާރަށް ނަގަން ވެސް އެ ކަރުދާހައި ހުށަހަޅާފައިވެ އެވެ. ސަރުކާރުން ބޭނުންވަނީ، ހުރިހާ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ބައެއްގެ ގޮތަށް ހެދުމަށެވެ.
އޭގެ އިތުރުން، ޕްރައިމަރީ ހެލްތު ކެއާ އާއި ސިއްހީ ރައްކާތެރިކަމަ ގުޅޭ އަސާސީ ހިދުމަތްތައް ދިނުމާއި ޕްރީ ސްކޫލުގެ ހިދުމަތްތައް ދިނުމަށް ރަށު ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރަށު ކައުންސިލަށް އައްޔަން ކުރާ މެންބަރުންގެ ތެރެއިން ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ފިޔަވާ ދެން ތިބޭ މެންބަރުންނަކީ މުސާރަ ނުލިބޭ ބައެއްގެ ގޮތުގައި ހެދުމަށް ވެސް ސަރުކާރުން ބޭނުންވެ އެވެ. ގެންނަން ހުށަހަޅާ ބަދަލުތަކުގެ ބުނެފައި ވަނީ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ފިޔަވާ އެހެން މެންބަރުންނަށް ދޭނީ ސިޓިން އެލަވެންސެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ