ސަޢީދުގެފާނާއި ނުބައިއަންހެން މީހާ-

ޢަލީ އިޙްޞާން ފިރާޤް
 
ސަޢީދު ބިން ޒައިދު ރަޟިޔަالله ޢަންހުއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދަރަޖަމަތިވެރި ބޭކަލެކެވެ. އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އެކަލޭގެފާނު އިސްލާމްވެވަޑައިގެންފިއެވެ. އެކަލޭގެފާނަށްވަނީ ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައެވެ. އެކަލޭގެފާނަކީ ވަރަށް ދުޢާ އިޖާބަ ބޭކަލެވެ. 
އެއްފަހަރަކު އަރުވާ ބިންތި އައުސް އޭ ކިޔުނު މީހަކު މަދީނާގެ ގަވަރުނަރުގެ ގާތުގައި  ޝަޢީދުގެފާނާ ދެކޮޅަށް ދޮގު ދައުވާ އުފުލިއެވެ. އޭނާ ދައުވާ އުފުލީ އެކަނބުލޭގެ ބިމުން ބައެއް އެކަލޭގެފާނު އަތުލެއްވިކަމަށް ބުނެއެވެ. 
އޭރު މަދީނާގެ ގަވަރުނަރުކަމުގައި ހުންނެވީ މަރުވާނު ބިން ޙަކަމެކެވެ. އޭނާ ޝަރިއްޔަތުގެ މަޖިލިސްއަށް ސަޢީދުގެފާނު ހާޒިރު ކުރެއްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. [އެއްވެސް މީހަކު އަނެކެއްގެ ބިމުން އެންމެ ކައިވަތެއްގެ މިންވަރު ޣަޞްބުން އަތުލިނަމަވެސް އެމީހެއްގެ ކަރުގައި (ގިލަފައްޗެއްފަދައިން) ހަތްބިން އެޅުވޭ ހުއްޓެވެ.] ރަސޫލާގެ މި ޙަދީޘް ބަސްފުޅު އަޑުއިވިފައިވުމާއެކު އަޅުގަނޑަށް މީހެއްގެ ބިމެއް ގަދަކަމުން އަތުލައިގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. 
މިއަޑު އައްސަވާ މަރުވާން ބިން ޙަކަމް ވިދާޅުވިއެވެ. [ދެން މިކަމުގައި ކަލޭގެފާނުގެ ފަރާތްޕުޅުން އިތުރު ހެއްކެއް ބޭނުމެއް ނޫނެވެ.] 
ދެން އެއަށްފަހު ސަޢީދު ބިން ޒައިދު ރަޟިޔަالله ޢަންހު ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ. [އަޅުގެ ވެރިރަސްކަލާކޮ. އެކަނބުލޭގެ އެ އުފުލި ދައުވާއަކީ ދޮގު ދައުވާއެއްކަމުގައިވާނަމަ އޭނާގެ ދެލޮލުގެ އަލިކަން ގެންދަވާންދޭވެ. އަދި އެނާގެ ބިމުގައި އޭނާ މަރުގަންނަވާންދޭވެ.] 
އެކަލޭގެފާނުގެ ދުޢާފުޅުގެ ސަބަބުން އެކަނބުލޭގެ މަރުވުމުގެ ކުރިން އެކަނބުލޭގެ ލޮލުގެ އަލިކަން ގެއްލިއްޖެއެވެ. އޭނާ ފާރުތަކުގައި އަތްހާކަމުން މަދީނާގެ މަގުތަކުގައި ހިނގާ އުޅޭކަމުގައިވިއެވެ. އެކަނބުލޭގެ ބުނެއުޅެވެ. [ހަމަކަށަވަރުން ތިމަންނާއަށް ސަޢީދުގެފާނުގެ ބަދުދުޢާ ޖެހުނީއެވެ.] ކޮންމެއަކަސް އެއްދުވަހަކު އެކަނބުލޭގެ ދައުވާކުރި ބިމުގައި ހިނގާފައިދަނިކޮށް އެތަނުގައި ކޮނެފައިވާ ވަޅުގަނޑަކަށްވެއްޓި މަރުވެއްޖެއެވެ. އޭނާގެ ކަށްވަޅުކަމުގައިވީ އެވަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ