ވިވެކްގެ ފިލްމު 'ދަ ބެންގަލް ފައިލްސް'ގެ ޕްރޮމޯ ދައްކާލައިފި

ހަގީގީ ހާދިސާތަކުގެ މައްޗަށް ފިލްމު އުފެއްދުމަށް މަޝްހޫރު ފިލްމު ޑައިރެކްޓަރި ވިވެކް އަގްނިހޯތްރީގެ "ދަ ބެންގަލް ފައިލްސް"ގެ ޕްރޮމޯ ބެލުންތެރިންނަށް ދައްކާލައިފިއެވެ. އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ ހާދިސާތައް އެއްވެސް ޖެހިލުމެއްނެތި އެ ވާހަކަތަކަށް އުނިކަމެއް ނުގެނެސް އަސްލާ އެއްގޮތަށް ބެލުންތެރިންނަށް ގެނެސްދިނުމުގައި ދެމިހުރި ޑައިރެކްޓަރުގެ "ދަ ބެންގަލް ފައިލްސް"އަކީ 1946 ވަނަ އަހަރު އިންޑިއާގައި ހިނގި 'ގްރޭޓް ކަލްކަތާ ކިލިންގްސް' ހާދިސާ ކިޔައިދޭ ފިލްމެކެވެ. "ދަ ބެންގާލީ ފައިލްސް"ގެ ޕްރޮމޯ ގެނެސްދިންއިރު ބުނެފައި ވަނީ މިއީ "ކަޝްމީރީ ފައިލްސް"އިން ހިތްދަތިކަން ތަޖުރިބާކުރި މީހުންގެ ހިތަށް ކުޅަދާނަ ނުވާ ފަދަ ގިނަ މަންޒަރުތަކެއް ތަޖުރިބާ ކުރެވޭނެ ފިލްމެއް ކަމަށެވެ. ޑައިރެކްޓަރު ވިވެކް އަގްނި ހޯތުރީގެ އަންހެނުން އަދި ބަތަލާ ޕައްލަވީ ޖޯޝީ--ފޮޓޯ/ބޮލީވުޑްހަންގާމާ މި ފިލްމު ގެނެސްދޭނީ ވިވެކް އަގްނިހޯތްރީ މިހާތަނަށް ގެނެސްދީފައިވާ "ފައިލްސް" ޓްރިލޮޖީގެ ދަށުންނެވެ. މި ޓްރިލޮޖީގެ ދަށުން އޭނާ ގެނެސްދިން ފިލްމުތަކުގެތެރޭ 2019 ވަނަ އަހަރު ރިލީޒްކުރި "ދަ ތަޝްކެންތު ފައިލްސް" އަދި 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ކަޝްމީރީ ފައިލްސް" ހިމެނެއެވެ. ފިލްމު "ދަ ބެންގާލީ ފައިލްސް" އިންޑިއާގައި ރިލީޒްކުރުމުގެ ކުރިން ބޭރު ގައުމުތަކުގައި ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފައިވާއިރު ފިލްމަށް ޚާއްސަ ޓުއާތަކެއް އެމެރިކާގެ އެކި ސިޓީތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް "ނެވާ އަގެއިން ޓުއާ"ގެ ނަމުގައި އެމެރިކާގައި ފިލްމު ޕްރީމިއާ ކުރުމުގެ ސެޝަންތަކެއް ކުރިއަށްދާނެ ކަމަށް ވިވެކް ވަނީ ބުނެފައެވެ. ވިވެކް އަމިއްލައަށް ލިޔެ ތައްޔާރުކޮށް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ މިތުން ޗަކްރަބަތީ، ޕައްލަވީ ޖޯޝީ، އަނޫޕަމް ހޭރު އަދި ދަރުޝަން ކުމާރު ހިމެނެއެވެ. ވިވެކްގެ އަންހެނުން ޕައްލަވީ ޖޯޝީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމު އިންޑިއާގައި ރިލީޒްކުރުމަށް ތާވަލުކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ