ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގައި ޙަސީނާ ހަ މަހަށް ޖަލަށް ލާން ހުކުމް ކޮށްފި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ކޯޓަށް އިހުތިރާމް ނުކުރުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށް ލުމަށް އެ ގައުމުގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ހުކުމްކޮށްފިއެވެ. ފަނޑިޔާރު ގޯލަމް މޮރްތޫޒާ މޮޒުމްދަރު އިސްކޮށް ހުންނަވައިގެން ތިން މެންބަރުންގެ ޓްރައިބިއުނަލުން ހަސީނާގެ ޣައިރު ހާޒިރުގައި ހުކުމް އިއްވީ މިދިޔަ ބުދަ ދުވަހެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުއްތަމަ ފަނޑިޔާރު މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވީ އެ ހުކުމް ތަންފީޒުވާން ފަށާނީ އެކަމަނާ ހައްޔަރުކުރުމުން ނުވަތަ އަމިއްލައަށް ހަވާލުވުމުން ކަމަށެވެ. މިދިޔަ އޮގަސްޓް މަހު ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ކިޔަވާ ކުދިންތަނެއް އިސްވެ ކުރި މުޒާހަރާތައް ހޫނުވެ، އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ފިލައިގެން ދިޔަ ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލައިފައެވެ. ނަމަވެސް މިއީ މައްސަލައެއްގައި ރަސްމީކޮށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގުގެ، ސްޓޫޑެންޓް ވިންގް، ޗަތުރާ ލީގުގެ އިސް ފަރާތެއް ކަމަށްވާ ޝަކީލް އަކަންދު ބުލްބުލް އަށް ވެސް ވަނީ ހަމަ މި މައްސަލައިގައި ދެ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ ދައުވާ އުފުލާފައި ވަނީ ހަސީނާ ދައްކަވާފައިވާ ވާހަކައެއްގެ އޯޑިއޯ ރެކޯޑިންއެއްގެ ސަބަބުންނެވެ. އެ ރެކޯޑިންގައި ޙަސީނާ ވަނީ އެކަމަނާގެ މައްޗަށް 227 މައްސަލަ އެއް އެބައޮތް ކަމަށާއި، އެހެންވެ 227 މީހުން މަރާލުމުގެ ލައިސެންސް އެބައޮތް ކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ ފޮރެންސިކް ރިޕޯޓަކުން ފަހުން ވަނީ އެ ރެކޯޑިންގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ. ޓްރައިބިއުނަލުން ހަސީނާ ހައްޔަރު ކުރުމުގެ ތިން އަމުރެއް ނެރެފައިވާއިރު، އޭގެ އަމުރުގައި މިދިޔަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ހިންގި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ވެސް ސަބަބެއްގެ ގޮތުގައި ހިމެނެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހަސީނާ އޭނާގެ ވެރިކަން ދަމަހައްޓަން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެއެވެ. އެކަމަނާގެ އަވާމީ ލީގު ޕާޓީ ހިންގުން އަދިވެސް މަނާކޮށްފައިވާއިރު، ކުރީގެ އޮފިޝަލުންނާ ދެކޮޅަށް ޝަރީއަތްތައް އަދިވެސް ކުރިއަށް އެބަދެއެވެ. ހަސީނާއަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ މައްސަލަތަކަކީ ސިޔާސީ ގޮތުން ކުރިއަށް ގެންދާ މައްސަލަތަކެކެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތެކެވެ. ނަމަވެސް ބަންގްލަދޭޝްގައި މިހާރުއޮތް ވަގުތީ ސަރުކާރުން ބުނާ ގޮތުގައި ގާނޫނީ މަރުހަލާއަކީ ގައުމުގެ މުއައްސަސާތަކަށް އާންމުންގެ އިތުބާރު އަލުން ހޯދައި ޖަވާބުދާރީވުން ކަށަވަރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަސީނާއަށް ހުކުމް އިއްވި އައިސީޓީއަކީ 1971 ވަނަ އަހަރު ކުރި ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށް ހަސީނާގެ ސަރުކާރުން 2010 ވަނަ އަހަރު އުފެއްދި އިދާރާއެކެވެ. އޭގެ ފަހުން ހަސީނާގެ ވެރިކަމުގައި ހައްގުތަކާ ހިލާފުވުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވައިގެން ވަގުތީ ސަރުކާރުން ވަނީ އެ އިދާރާއަށް މަތިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ