ނަމާދު ކުރަން މިއޮތީ އެމީހާގެ ހިތް ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅުވައިގެންނެވެ. ނަމާދަށް ހުއްޓިހުންނަންޖެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުންމަތީގައެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނައަށް ވިސްނުމުން އެކަން ކުރެވޭނެއެވެ. އިން ޝާ ﷲ
ނަމަވެސް ގިނަބައަކު ހުއްޓި ނަމާދަށް ޙަރަމްބަންނަނީވެސް ހިތް ޝައިޠޯނާއާއި ގުޅުވައިގެންނެވެ. ނަމާދުން ފައިބައިގެން ކުރާނެ ފާފަތަކާ އެރޭ ކުރާނެ ފާފަތަކަށްވެސް ވިސްނަމުންނެވެ. އެފަދަ މީހަކަށް ކުރެވޭނީ ކޮން ނަމާދެއް ހެއްޔެވެ؟
ނަމާދުކުރުމުގެ ނަމުގައި ޙަރަކާތްތަކެއް ކޮށްލުމަކުން، ދުލުން އެއްޗެތިތަކެއް ކިޔައިލުމަކުން އެއީ އަދި ނަމާދެއް ކުރިކަމަކަށް ނުވެއެވެ.
އާޚިރަތް ދުވަހު އަހުރެމެންނަށް ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ ފުރިހަމަ ގޮތުގައި ނަމާދުކުރެވިގެންނެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ޙިސާބު ބައްލަވާނީވެސް އެމީހެއްގެ ނަމާދާއިމެދުގައިކަން މިއީ ކޮންމެ މުސްލިމަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ.
ނަމާދު ނަމާދަކަށްވާނީ ހިތާއި ދުލާއި ގުނަވަންތަކުން ނަމާދުކުރެވިގެންނެވެ. ގިނަ މީހުންނަށް ނަމާދުކުރެވެނީ ހިތް މާދުރުގައި ބާއްވާފައި ދުލާއި ގުވަންތަކުންނެވެ. އެއިރުން އެކުރެވެނީ ނަމާދެއް ނޫނެވެ. އެންމެ މުހިންމީ ހިތުން ނަމާދުކުރުމެވެ. ހިތުން ނަމާދުކުރެވޭނީ ނަމާދުގައި ކުރެވޭ ކަންކަން ހިތްމައްޗަށް ގެނެސްގެން ނަމާދުކުރުމުންނެވެ. ތިމާގެ ވިސްނުން ﷲ ތަޢާލާގެ ޙަޟްރަތާއި ގުޅުވާލައިގެން ނަމާދުކުރުމުންނެވެ. އެގުޅުވުން ގުޅުވައިލަދޭ ވަސީލަތަކީ ނުވަތަ ބާރަކީ ހިތެވެ.
ނަމާދުކުރަން ފެށުމުން ނުވަތަ އެނޫންވެސް ހެޔޮ އަމަލުތައް ކުރަން ފެށުމުން އެކަންކަން ކުރަން ފޫހިވޭހެއްޔެވެ؟ ކަންނެތްވޭ ހެއްޔެވެ؟ ފަސްޖެހެވޭހެއްޔެވެ؟ މިކަންކަންވުމަށް މެދުވެރިވާ އެންމެ ބޮޑު ބާރަކީ ޝައިޠޯނާއެވެ. ޝައިޠޯނާއެ މަސައްކަތްކުރަނީ ތިބާގެ މަގަށް ހުރަސްއެޅުމަށެވެ.
ޝައިޠޯނާއަށް އިޖާބަދެވިއްޖެނަމަ ތިބާ ކުރިއަށް އެޅި ފިޔަވަޅު އެ އެއެޅެނީ ފަހަތަށެވެ. އެގޮތަށް މެދުވެރިއެވަނީ ޝައިޠާނާގެ ކޮޅު އަދިވެސް ހަމަ ވަރުގަދަކަމުންނެވެ. ތިބާގެ މައްޗަށް ޝައިޠޯނާގެ ބާރު ގަދަކަމުންނެވެ.
ވީމާ އެ ހާލަތުގައި އޮތީ ޝައިޠާނާގެ ކިބައިން ސަލާމަތްކަމަށާއި ﷲ ތަޢާލާގެ މަގުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. އެހެނީ އެއްފިޔަވަޅު ކުރިއަށް އެޅުމަށްފަހު ފަހަތަށް ފިޔަވަޅެއް އެޅޭނަމަ ކުރިއަކަށް ނުދެވޭނެއެވެ. އެއް ފިޔަވަޅު ކުރިއަށް ފަހަތަށް ދެ ފިޔަވަޅު އަޅާ ނަމަ ދާނީވެސް ފަހަތަށެވެ. ކުރިއަށް ދެވޭނީ ފަހަތަށް ނުދެވި ކުރިއަށް ދެވޭނަމައެވެ.
ވީމާ ފުރިހަމަ އީމާންކަންމަތީގައި އިސްލާމް ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އަހަރެމެންގެ ލޭގެތެރޭގައި ޝައިޠާނާ އެދަނީ ދަތުރުކުރަމުންނެވެ. ވީމާ ޝައިޠާނާގެ ކިބައިން ސަލާމަތް ވެވޭނީ ވަރަށް ވަރުގަދަ އަޒުމަކާއިއެކު މަސައްކަތްކޮށްގެންނެވެ.
يا مقلب القلوب ثبت قلبي على دينك
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިމާގެ ހިތް ޝައިޠޯނާއާ ގުޅުވައިގެންހުރެ ނަމާދުކުރެވުން- ގިނަބައަކަށް ލިބޭ އެންމެ ބޮޑު ދެރަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ