ސިއްހީ ޚިދުމަތަކީ ހަނދާންތަކާއި އިހުސާސްތަކާ ގުޅިފައިވާ ޚިދުމަތެއް: ފަސްޓްލޭޑީ
ސިއްހީ ޚިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ޚިދުމަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ، މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށްދިޔަ، ސ. ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. އެ ކަމަނާވަނީ، ފޭދޫގައި ޑޮކްޓަރީ ބޭސްފަރުވާގެ ޚިދުމަތުގެ ފެށުމާއި މިހާރުގެ ހާލަތާބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ސިއްހީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ. މި ޖަލްސާގައިވަނީ ފޭދޫ ސިއްހީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. އަދި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ވެސް ދިނެވެ. ފޭދޫ ސިއްހީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް ފޭދޫ ސިއްހީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީއެވެ. މި ރަސްމިއްޔާތުގައިއެ ކަމަނާވަނީ ފޭދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއެކު ގްރޫޕް ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ