ހަސަން އަފީފް ވިލުފުށީ ދާއިރާގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފި

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި، އެމްޑީޕީގެ ޓިކެޓުގައި ތ.ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އަފީފް، އެ ދާއިރާގައި ހިމެނޭ ތިން ރަށަށް ޒިޔާރަތްކޮށް، އެރަށްރަށުގެ ރައްޔިތުންނާއި ބައްދަކު ކުރެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.
ވިލުފުށީ ދާއިރާއަށް އަފީފް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އޭނާ ފުރަތަމަ ވަޑައިގެންނެވީ އުފަން ރަށް، ވިލުފުށްޓަށެވެ. ވިލިފުށްޓަށް ވަޑައިގެން އެރަށުގައި އަފީފް ވަނީ ދޮރުން ދޮރަށް ހިންގަވާ، ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އައްސަވާފައެވެ. މީގެ އިތުރުން އަފީފްގެ ވަނީ ވިލުފުށީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ބޮޑު ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ވިލުފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ހަސަން އަފީފް ވިދާޅުވީ، އެރަށުގެ ހިނގާދިޔަ ބޭއިންސާފު އެންމެހާ ކަންކަން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުން ބާރުވެރި ކުރުވުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ފަހު އަފީފް ދެން ވަޑައިގަތީ، އެ ދާއިރާގައި ހިމެނޭ ބުރުންޏަށެވެ. ބުރުނީގައިވެސް އަފީފް ވަނީ ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
ބުރުނީގެ ރައްޔިތުންނާއި ބައްދަލުކުރެވުމަށް ފަހު މާލެ ވަޑައިގަތުމުގެ ކުރިން އަފީފް ވަނީ ދާއިރާގެ އެންމެ ފަހުރަށް، މަޑިިފުށްޓަށް ޒިޔާރަތްކުރައްވާ އެރަށުގައިވެސް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަފީފް ވަނީ މިހާރު އެރަށުގެ ގިނަ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމުގައިވާ، ރަށު ސްކޫލުގެ ތައުލީމީ ފެންވަރު މަތި ކުރުމަށް ހަދަން ޖެހޭ ދިރާސާތައް ހަދައި އެރަށު ސްކޫލަށް ގާބިލް އަދި ހުނަރުވެރި ޓީޗަރުން ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
މީގެ އިތުރުން މަޑިފުށީ ދަތުރުފުޅުގައި އަފީފް ވަނީ ދުވަހަކުވެސް ރައްޔިތުންގެ ފައިސާގައި ނުޖެހޭނެ ކަމުގެ ޔަޤީންކަން އެ ރަށުގެ އަދި ދާއިރާގެ ރައްޔިތުންނަށް އަރުވާފައެވެ.
ވިލުފުށީ ދާއިރާއަށް އަފީފް ކުރެއްވި މި ދަތުރުފުޅުގައި ވަނީ ދާއިރާގެ ރަށްރަށުގައި އޭނާގެ ޕޯސްޓަރ ހިއްޕުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ހަތަރު ދުވަހަށް ވިލުފުށީ ދާއިރާއަށް އަފީފް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވީ ރޭ 22:00 ހާއިރުއެވެ. އަދި މާލެ އައިސް އަފީފް ވަނީ މާލޭގައި ހަރަކާތްތެރިވަމުން އަންނަ އޭނާގެ ކެމްޕޭން ޓީމާއި ގުޅިވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ