އުތުރަށް މޫސުން ގޯސް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަންގައިފި
އުތުރުގެ ރަށްތަކަށް މޫސުން ގޯސްވުމުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން މިއަދު އިލްތިމާސް ކޮށްފިއެވެ. ވޭތުވެދިޔަ ދެތިން ދުވަހު އުތުރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން، ހއ. މުރައިދޫ، ކެލާ، ދިއްދޫ، ހޯރަފުށި، ތަކަންދޫ، އުތީމު އަދި ހދ. ފިނޭއަށް ފެންބޮޑުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން "ސަން"އާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ފެން ހިންދުމަށް އެމްއެންޑީއެފްގެ އެހީތެރިކަން ވެސް ވަނީ ހޯދާފައެވެ. "އެ ރަށްތަކުން ލިބުނު ގެއްލުންތައް ވަޒަންކޮށްފައި ކައުންސިލްތަކުން ފޯމެއް ފޮނުވާލީމަ އަޅުގަނޑުމެންނަށް އިނގޭނީ ސީދާ ކޮން ރަށަކުން ކިހާ ވަރެއްގެ ގެއްލުމެއްކަމެއް ލިބިފައި ހުރީ،" އެންޑީއެމްއޭއިން ބުންޏެވެ. މެޓް އޮފީހުން ބުނާ ގޮތުގައި މިއަދު ވެސް އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއި ގުގުރުން އެކަށީގެން ވެއެވެ. އެހެންކަމުން އެންޑީއެމްއޭއިން ބުނީ، ފެން ބޮޑުވެ ގެއްލުން ލިބިދާނެ ހިސާބެއްގައި ދިރިއުޅޭ މީހަކު ނަމަ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. "ހާއްސަކޮށް ފެންބޮޑުވާ ސަރަހައްދުތަށް އެ ރަށެއްގެ ރައްޔިތުންނަށާއި ކައުންސިލަށް ފާހަގަވާނެ. އެހެންވީމަ އަމިއްލަ ފަރުދުން ހަމަ އެ މީހެއްގެ ގެއަކީ ފެންބޮޑުވާ ސަރަހައްދެއްގައި ހުރި ގެއެއް ނަމަ ވާރޭ ވެހެން ފެށުމުގެ ކުރިން ރައްކާތެރި ވުމުގެ ގޮތުން ވެލި ބަސްތާ ވެސް ޖެހޭނެ،" އެންޑީއެމްއޭގެ އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން، ފެން ޖެހިއްޖެ ނަމަ ހަލާކުވާ ޒާތުގެ ތަކެތި ފެން ނުޖެހޭ ހިސާބުތަކަށް ބަދަލުކުރުން ވެސް މުހިންމު ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ބުނީ، ރައްކާތެރިކަމުގެ ފިތަވަޅު އެޅުމުން ލިބޭ ގެއްލުން ކުޑަކުރެވޭ ކަމަށެވެ. އެހެންކަމުން ދުރާލާ މިފަދަ ކާރިސާތަކަށް ރައްކާތެރިވެ ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ. މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ހަނިމާދުއަށް ވަނީ 72.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި، މިދިޔަ ހުކުރު ދުވަހު ށ. ފުނަދޫއަށް ވަނީ 54.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ