ކިޔަވައި ނިމުމަށް ފަހު ވަގުތުން މަސައްކަތުގެ މާހައުލާ ގުޅެވޭނެ ޒުވާނުން އުފެއްދުމަށްޓަކައި، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި، ސްކޫލު ނިޒާމުގެ ތެރޭގައި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދިނުން ހިމެނުމުގެ އިތުރުން ޔުނިވަސިޓީތަކާ ގުޅިގެން އެފަދަ ކޯސްތައް ހިންގާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރެއްވުމަށް މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުގައި މިއަދު ގދ. ތިނަދޫއަށް ވަޑައިގެން ވަނީ އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވާފަ އެވެ.
ބުނީ ކީކޭ؟ - "މުޅި ރާއްޖޭގައި ހިންގަން އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް ކަމެއް، އެކަމަކު މިތާ ހަމަ ވަކިން މި ބަޔާން ކޮށްލަނީ. އޮންނާނެ، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ކުރެއްވި މަސައްކަތެއް، އަމަލީ ތަޖުރިބާ ސްކޫލް ނިޒާމުގައި، ތައުލީމީ ނިޒާމުގައި ހިމެނުމާއި އަދި ޔުނިވަސިޓީއާ ގުޅިގެން އެކި ކޯސްތައް ހިންގަދީގެން ކުދިންނަކީ ވަގުތުން ޖޮބް މާކެޓަށް ދެވޭ ކުދިންނަށް، ދެވޭ ފެންވަރަށް ތަރައްގީކުރުން، ތަމްރީން ދީފައި ތިބި ކުދިންނަށް ހެދުން،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި މުއިއްޒު ފާހަގަކުރެއްވީ:
މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި ދެކުނުގެ އަތޮޅުތަކުގައި އިތުރު އެނދުތައް ތަރައްގީ ކުރުން
އިގްތިސޯދު ފުޅާ ކޮށް، "ޓްރާންސްފޮމޭޝަނަލް ޑިވެލޮޕްމަންޓް" ގެނައުމަށްޓަކައި ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނު ތަންފީޒުކުރުން
ފާހަގަކޮށްލެވޭ - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ތިނަދުއަށް ކުރެއްވި ކެމްޕޭން ދަތުރުގައި މުއިއްޒު ވަނީ، ވެރިކަން ލިބިއްޖެ ނަމަ، ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.
އޭނާގެ ވައުދަށް ފަހު "ވަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވައިފި" ކަމަށް މަލާމާތުގެ ރާގަކަށް މުއިއްޒު މިއަދު ވިދާޅުވި އެވެ. އެކަމަކު، "ނަން ބޯޑު ބަދަލުވިޔަސް ސިޓީއަކަށް ނުވާނެ" ކަން ފާހަގަކުރައްވައި މުއިއްޒު ވަނީ "ތަރައްގީގެ ގޮތުން ތިނަދޫ ސިޓީއަކަށް ހަދައިދޭނެ" ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އެކަން ހާސިލް ކުރުމުގެ ގޮތުން ތިނަދުއަށް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވީ:
ނުހެދި ހުރި ހުރިހާ މަގެއް ރަނގަޅު ފެންވަރުގައި ހަދައިދިނުން
ހިއްކި ބިމުގައި ވެސް، ލޭންޑް ޔޫޒް ޕްލޭންއާ އެއްގޮތަށް ހުރިހާ މަގެއް ހަދައި ހުރިހާ އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށްދިނުން
ހިއްކި ބިމުގައި 1،000 ހައުސިން ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުުން
ކާޑެއްދޫ އެއާޕޯޓަކީ ފުރިހަމައަށް ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުން
ކާޑެއްދޫ އާއި ތިނަދޫއާ ދޭތެރޭ ޒަމާނީ ފެންވަރުގެ ބްރިޖެއް އެޅުން
މައިގަނޑު ހުރިހާ ފަރުވާތަކެއް ދިނުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ހިދުމަތްތައް ވެސް ދެވޭ ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލަކަށް ތިނަދޫ ހޮސްޕިޓަލް ތަރައްގީ ކުރުން
ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ކަންކަން ސިޓީއެއްގައި ހުންނަންޖެހޭ މިންވަރަށް ތަރައްގީ ކުރުން؛ ހިއްކި ސަރަހައްދުގައި ސައިކަލު ރޭސިން ޓްރެކެއް ހަދަން ހާއްސަކޮށް ވައުދުވި
މަސައްކަތުގެ މާހައުލަށް ތައްޔާރު ކުރުމަށްޓަކައި ސްކޫލް ނިޒާމުގެ ތެރެއިން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ދޭނަން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ