އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ފެނިގެންދާނީ އަނިޔާވެރިކަމުގެ އާ ބާވަތްތަކެއް ކަމަށާއި ދައުލަތުގެ މުއައްސަސާތައް ހަރާބުކޮށްލާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކުށްކުރާ ބޮޑެތި ގްރޫޕުތަކުގައި ތިބި ބައެއް އިސްވެރިން ނުކުމެ، ތިމަންނަމެންނަށް ދެން ހިތްހަމަޖެހިގެން ހަމަނޭވާއެއް ލެވޭނެ ކަމަށް ބުނަމުންދާ ކަމަށެވެ.
"މި އަނިޔާވެރިކަމުގެ އާ ބާވަތްތަކެއް އިދިކޮޅު ފަރާތުގެ ކެމްޕޭނުގެ ވާހަކަތަކުން ފާހަގަކުރެވިފައި އެބަހުރި. ޖަލު އިހަށް ބާއްވާލާފައި. އެއީ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ ދައުލަތުގެ މުއައްސަސާތައް ހަރާބުކޮށްލާނެ، ދައުލަތް އެ ފުށް މި ފުށަށް ޖަހާނެ. އިއްޔެ އާއި މިއަދު އަޑު އިވުނު ވާހަކަތަކުން، މިރޭ މަޣްރިބު ނަމާދު ފަހުން ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއެކު އިށީނދެ ދެކެވުނު ވާހަކަތަކުން އެނގުނީ ރޭގައި އެމީހުންގެ ތެރޭގައި ދިޔަ މަޝްވަރާތަކުގެ ތެރޭގައި ކުށްކުރާ ބޮޑެތި ގްރޫޕުތަކުގައި ތިބި ބައެއް އިސްވެރިން ނުކުމެ އެ ބުނަނީ ތިމަންނަމެން އަދި ކިރިޔާއޭ ހިތްހަމަޖެހިގެން ހަމަނޭވާއަކާ ހަމައަށް ދެވޭ ވަރުވީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ކާގޯ ހިފައިގެން އެތެރެވާ ބޯޓުތައް ރާޑަރުތަކުން ބަލައިގެން ހުއްޓުވައިގެން ތިމަންނަމެންގެ އަތުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ގޭންގުތަކުން އިސްވެރިން ބުނަމުންދާ ކަމަށާއި މި ސަރުކާރުން 1.8 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ސަރުކާރުގައި މިނިވަންކަމާއެކު އުޅެވޭނެ ކަމުގެ އުންމީދު ލިބިފައިވާކަން އެ ގްރޫޕުތަކުން ބުނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް އެ ވިދާޅުވަނީ ތިމަންނަމެން ބުނާ މީހެކޭ ހޯމް މިނިސްޓަރަކަށް ހުންނާނީ، ތިމަންނަމެން ބުނާ މީހެކޭ ޕޮލިސް ކޮމިޝަނަރަކަށް ހުންނާނީ، ތިމަންނަމެން ބުނާ މީހެކޭ ޕީޖީއަކަށް ހުންނާނީ، ތިމަންނަމެން ބުނާ މީހެކޭ ކޯޓުތަކުގައި ތިބޭނީ. މުޅި ދައުލަތް ހަރާބުކޮށްލަނީ، މުޅި ދައުލަތް ފުނޑުފުނޑުކޮށްލަނީ. މިއީ މި އަނިޔާވެރިކަމުން، މި ބިރުވެރިކަމުން ސަލާމަތްވާން ޖެހޭ ސަބަބު،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ އިދިކޮޅުން އިންތިހާބު ކާމިޔާބުކޮށްފިއްޔާ، މި ގައުމުގައި ދެން އިންތިހާބެއް ނުބާއްވާނެ ކަމަށާއި އެ އަނިޔާވެރިކަމުން މި ގައުމު ސަލާމަތްކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓުމަކަށް އައުމުގެ ބިރު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވެރިކަން ބަދަލުވެއްޖެނަމަ ފެންނާނީ އަނިޔާވެރިކަމުގެ އާ ބާވަތްތަކެއް، މުއައްސަސާތައް ހަރާބުކޮށްލާނެ: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ