"އަނިޔާވެރި ކަމާ ދެކޮޅަށް" މިފެށޭ މެއިމަހުގެ އެއްވަނަ ދުވަހު މާލޭގައި އޮންނަ ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން އަންނަ ރައްޔިތުން މާލެ އައުމަށް ފުރަން ފަށައިފި އެވެ.
އެމްޑީޕީގެ މީޑިއާ ކަންތައްތަކުގައި އިސްކޮށް ހަރަކާތެރިވާ ފަރާތުން ބުނީ، މޭޑޭގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެކިއެކި ހިސާބުތަކުން މާލެ އައުމަށް މިހާރުވެސް ފުރާފައިވާ ދޯނިތަކުގެ ތެރޭގައި ތިމަރަފުށި ބޯޓަކާއި ކުޅުދުއްފުށީ ބޯޓަކާއި ރ. އަތޮޅުން ފުރައިގެން އަންނަ ދެ ބޯޓެއް ހިމެނޭ ކަމަށެވެ.
މިއަދު އިރު އަރަން ވާއިރަށް 5000 އާއި ގާތްކުރާ އަދަދަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ އަރާނެ ކަމަށާއި، މިއަދާއި މިރޭ އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކުން ދޯނިފަހަރާއި ލޯންޗްފަހަރު އަދި މަތިން ވެސް މީހުން މާލެ އަރާނެ ކަމަށެވެ.
"މިއަދުވެސް ދެތިން ހަތަރު ދޯންޏެއް މާލެ އައި. އަޅުގަނޑުމެންނަށް ވެސް ނޭގި މިހާރުވެސް ވަރަށް ގިނަ ބަޔަކު އެދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާން މާލެ އައިސްފައި ވަނީ. ބުރާސްފަތި ދުވަހުގެ ރޭވެސް ވަރަށް ގިނަ ދޯނިފަހަރު މާލެ އަންނާނެ ކަމަށް އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައި ވަނީ. މިއަދާއި މިރޭވެސް މާލެ އަންނަ ދޯނިފަހަރު ތަކުގެ ލިސްޓެއް ވެސް އެބޮތް." އޭނަ ބުންޏެވެ.
"އަނިޔާވެރި ކަމާ ދެކޮޅަށް" ހަރަކާތްތެރިވާ ޒުވާނުން އިސްނަގައިގެން އިއްޔެރެއިން ފެށިގެން މިހާރުވެސް މާލޭގެ މަގުތަކުގައި ބެނާ ހަރުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުންވެސް އެދުވަހަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ރާއްޖޭގެ ރަށްރަށުން އެދުވަހު ވީހާވެސް ގިނަ ބަޔަކު މާލެ އައުމަށް މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދަނީ އެދެމުންނެވެ.
މެއި އެއްވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނީ އިމުގެ ތެރެއިން ކަންތައް ކުރިއަށް ގެންދިއުމަށާއި، ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ މަޝްވަރާއާއި ލަފާގެމަތިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ، އެކަމުގައި އަމަލީގޮތުން މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ބުނެފައި ވަނީ އެދުވަހުގެ ހަރަކާތްތައް ސުލްހަވެރި ނުވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ހިންގަމުންދާ ހަރަކާތްތަކަށް އަމާޒްކޮށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގައި އެމީހުންނަށް ފެނުނު އެއްޗެއް ކިޔަމުން ދިޔަޔަސް އެއީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ފުލުހުން ބުނީ، މެއި 1 ވަނަ ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތެރެއިން، ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ އިމުގެ ތެރޭގައި މޭޑޭގެ ކަންތައްތައް ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ލިބިދޭންޖެހޭ ރައްކާތެރިކަން ދޭނެ ކަމަށެވެ.
ރާވައިގެން ބާއްވާ އެއްވުންތައް ބޭއްވުމުގެކުރިން އެއްވުން އިންތިޒާމުކުރާ ފަރާތުން އެ އެއްވުމުގެ ނޯޓިސް ދޭންޖެހޭނެކަން ގާނޫނު އަސާސީގައި ބަޔާން ވެގެންވާކަން އެނގެން އޮތްހިނދު، މިއަދާ ހަމައަށް އައިއިރުވެސް ފުލުހުންގެ އިދާރާއަށް މިފަދަ އެއްވެސް ނޯޓިސްއެއްދީ އަދި މުޒާހަރާއާ ބެހޭ ފުރިހަމަ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.
މޭޑޭއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ އަންނަން ފުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ