0-2 ގެ ނަތީޖާއަކުން އުދިނޭސީގެ މައްޗަށް ކުރި ހޯދާ އިޓާލިއަން ލީގު ހޯދުމާ ގާތަށް ޔުވެންޓަސް ޖެހިލައިފިއެވެ.
ލީގުގައި ބާކީ 5 މެޗު ކުޅެންއޮތްއިރު ޔުވެންޓަސް އޮތީ 87 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައެވެ. ޔުވެންޓަސްއާ އެންމެ ކައިރިން ވާދަކުރާ ރޯމާ އޮތީ 79 ޕޮއިންޓާއެކީގައެވެ. ތިންވަނައިގައި 67 ޕޮއިންޓާއެކީ އޮތީ ނަޕޯލީއެވެ.
އުދިނޭސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ޔުވެންޓަސްއަށް މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ޖިއޮވިންކޯއެވެ.
ޔުވެންޓަސްގެ ދެވަނަ ގޯލްޖެހީ މެޗުގެ 26 ވަނަ މިނެޓްގައެވެ. ޕޮގްބާ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭއެވެ. މިއީ ލޮރެންޓޭ މި ސީޒަނުގައި ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން 14 ވަނަ ގޯލެވެ.
ލީގުގައި 5 މެޗު ކުޅުން އޮތްއިރު އެ 5 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށްފިނަމަ ޔުވެންޓަސްއަށް އިޓާލިއަން ލީގު ޖެހިޖެހިގެން 3 ވަނަ ފަހަރަށް ކާމިޔާބުކުރެވޭނެއެވެ. މިފަހަރު ޔުވެންޓަސް ލީގު ކާމިޔާބުކޮށްފިނަމަ އެއީ ޔުވެންޓަސް ލީގު ކާމިޔާބުކުރާ 30 ވަނަ ފަހަރަށް ވެގެންދާނެއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޔުވެންޓަސްގެ ކޮންމެ ކުޅުންތެރިއަކު ވެސް ކޮންމެ މެޗެއްގައި %110 ދޭ ކަމަށެވެ. ސީޒަން ވެސް ނިމުމަކާ ހަމައަށް އައިސްފައިވާއިރު މިހާ ހިސާބުން އެއްވެސް ވަރައްގެ ގޯހެއް ހެދިޔަ ދީގެން ނުވާނެކަމަށް ވެސް ކޮންޓޭ ބުންޏެވެ.
"ސީޒަނުގެ މިހާ ހިސާބުން އެއްވެސް ގޯހެއް ހެދިޔަ ދީގެން ނުވާނެ. އަހަރެން އުއްމީދުކުރަން ކުރިއަށް އޮތް މެޗު ވެސް ސަޕޯޓަރުންގެ އެހީތެރިކަމާއެކު ކާމިޔާބުކުރެވޭނެ ކަމަށް" ކޮންޓޭ ބުންޏެވެ.
އުދިނޭސީގެ މައްޗަށް ކުރި ހޯދާ ޔުވެންޓަސް ލީގު ހޯދުމާ ގާތަށް ޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ