ދެކޮޅުވެރިކަން ދައްކާ، މީހުންނަށް ބަލަން އުނދަގޫވާ ފަދަ މަންޒަރުތަކާއި އަޑު އަހަން ދަތިވާ ކަހަލަ ވާހަކަތައް ދައްކާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ވެގެންދިއުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މާފަންނު ދެކުނު ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރައްވާ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ހިދުމަތްކުރާ މަޖިލީހަށް ވާން ޖެހޭ ކަމަށެވެ.
އަދި ދިވެހި ރައްޔިތުން ގަދަރުކުރާ، އިހްތިރާމްކުރާ މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ހަދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފަހަކަށް އައިސް ފެނިގެން ހިނގައްޖެ އެހެން މަންޒަރުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަ ދެއްކުން ހުންނަ ގޮތާއި އަމަލު ހުންނަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ދޭންވާ ގަދަރާއި އިހްތިރާމް ނުދެވިވާތަން، އެތަން އަޅުގަނޑުމެން ދެކޭކަށެއް ބޭނުމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހަކީ ތައުލީމް ހާސިލްކޮށްފައިވާ ވަރަށް ރީތިކޮށް ކަންތައްތައް ރައްޔިތުންނަށް ކޮށްދެވޭ ފަދަ މަޖިލީހަކަށްވެގެން ދިއުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހަދާ މަޖިލީހެވެ. އަދި މަޖިލިސް މެންބަރުން މަސައްކަތްކުރައްވަން ޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނާއި ކޯލިޝަންގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ވަރަށް އިއްޒަތްތެރި އަބުރުވެރި، ރައްޔިތުންނަށް ކަންތައްކޮށްދޭ މަޖިލީހަށް ހެދުމަށް މަސައްކަތްކުރައްވާ ބޭފުޅުން ކަމަށެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވެސް 30 އަހަރުވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
އަޑު އަހަން ދަތިވާ ކަހަލަ ވާހަކަތައް ދައްކާ ތަނަކަށް މަޖިލިސްވެގެންދާން ބޭނުމެއް ނޫން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ