އެމްޑީޕިއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ރާއްޖެއަށް ވަރަށް ނުރައްކާވާނެ - މިނިސްޓަރު އުމަރު

ސަރުކާރު ކޯލިޝަނުގެ އަތުން މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ރާއްޖެ އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ދާނެ ކަމަށާއި، ޤައުމު ވަރަށް ނުރައްކާތެރިވާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގެ ފަރާތުން މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު އަޖްވަދުގެ ކެމްޕޭން ފެށުމުގެ ގޮތުން އޯކިޑް މަގުގައި ބޭއްވި ރަސްމިއްޔާތުގައި ޢުމަރު ވިދާޅުވީ، އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ރާއްޖޭގެ ޖުޑީޝަރީއާ "ކުޅޭނެ" ކަމަށް އެ ޕާޓީއިން ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ.
"އެމީހުންގެ ވެރިކަމުގައި ޖުޑީޝަލް ސިސްޓަމާ ދޭތެރޭ ޢަމަލު ކުރި ގޮތް އަޅުގަނޑުމެން ދުށީމު. އަޅުގަނޑުމެން ދުށީމު ޖޭއެސްސީގައި ތަޅުއަޅުވައި ބަންދުކުރި މަންޒަރު. އަޅުގަނޑުމެން ދުށީމު ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މަންޒަރު. އަޅުގަނޑުމެން ދުށީމު ފަނޑިޔާރަކު ހައްޔަރު ކޮށްގެން، ވަގަށް ނަގައިގެން ގެންދިޔަ މަންޒަރު." ޢުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ނަމުގައި ޑިމޮކްރެސީ އޮތުމާއި، ނިޝާނުގައި ތިލަފަތެއް އޮތުމަކީ ޑިމޮކްރަސީއާއި އިންސާފު ލިބޭނެ ކަމުގެ ރަމްޒެއް ނޫން ކަމަށެވެ.
"އެއްގޮތަކަށްވެސް ހީ ނުކުރައްވާތި ޕާޓީގެ ނަމުގައި 'ޑިމޮކްރަސީ' އޮތުން އެއީކީ ޑިމޮކްޓެރިކް ޕާޓީއަކަށް ޕާޓީ ވުމޭ. އެއްގޮތަކަށްވެސް ހީ ނުކުރައްވާތި އެމީހުންގެ ނިޝާނުގައި ތިލަފަތެއް އިނުން އެއީ އިންސާފުން އެމީހުން ކަންކަން ކުރާނެ ކަން ރަމްޒު ކޮށްދޭ ކަމަކަށް ވާނެ ކަމަށް." ޢުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ކުރިޔަށް އޮތް 5 އަހަރަކީ ރައްޔިތުންނަށް ރައްކާތެރި، އުފާވެރި އަދި ތަރައްޤީ ޔަޤީން ކުރެވޭނެ 5 އަހަރަށް ހަދައިދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ