އަންނަ ހަފްތާގައި ސްކޫލް ކުދިންނަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދައި ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަކޮށް ދިނުން ކަމަށެވެ.
ދުނިޔޭގެ ސިއްހީ ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގަ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެ މުހިންމުކަމަކީ އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވެކްސިން ޖަހާ އާބާދީގެ އުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް މިހާރު ރާއްޖެއަށް ވެކްސިން ހޯދިފައި ކަމަށެވެ.
އަދި އަމާޒަކީ މިމަސް ނިމުމުގެ ކުރިން ވެކްސިން ޖަހާ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތަށް ސަރުކާރުން ދިން ލުއިތަކާއެކީގަ ރާއްޖޭގެ އިގްތިސާދުގެ ހަރަކާތްތައް ރަނގަޅުވާން ފަށާފައި ކަމަށާއި އެގޮތުން އެކްސްޕޯޓުގެ މިންވަރު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު މިހާރު ވަނީ 19 އިންސައްތަ އިތުރުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އިމްޕޯޓުގެ މިންވަރު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 45 އިންސައްތަ އިތުރުވެއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެއްޖެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ 12 އަހަރުންމަތީގެ އެންމެ ވެކްސިން ޖަހާފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ. ރާއްޖެ އާންމު ހާލަތަށް ގެންދެވޭނީ އެންމެން ވެކްސިން ޖަހައިގެން ކަމަށްވެސް ރައީސް ސާޅިހް ވިދާޅުވިއެވެ.
އަންނަ ހަފްތާގަ ސްކޫލް ކުދިންނަށް ވެކްސިން ޖަހަން ފަށާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ