ސުލޫކީ މައްސަލައެއް ސާބިތުވުމުން ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް!

ސުލޫކީ މައްސަލައެއް ސާބިތުވުމުން ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށް، އޭނާ މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރަން ޖޭއެސްސީން ނިންމައިފިއެވެ.
އޭނާ މެޖިސްޓްރޭޓްކަމަށް ޑީމޯޓް ކުރަން ނިންމައިފައިވަނީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ 72 ވަނަ ޖަލްސާގައެވެ.
ޖޭސްއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ، އަލީ ނަސީރު ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ނިންމައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރި މައްސަލައިގާ ކަމަށެވެ. އަދި އޭނާ އެގޮތަށް އަމަލު ކުރެއްވީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީކަން ޖޭއެސްސީގެ ތަހުގީގަށް ވަނީ ސާބިތުވެފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އޭނާގެ އަމަަލަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާ ފަދަ އަމަލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ