ސްކޫލް ބަންދުގައި ދަތުރުކުރާއިރު ސަމާލުވުމަށް އެދިއްޖެ

ކުރިއަށް އޮތް ސްކޫލް ބަންދުގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަންނަ ހަފްތާއިން ފެށިގެން ސްކޫލް ޗުއްޓީ ފެށޭއިރު ކޮވިޑުން ރާއްކާތެރިވުމަށް އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވެ އަމަލު ކުރުން މުހިންމު ކަމަށެވެ.
މި ވަގުތުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު މާލޭ ސަރަހައްދަށް ވުރެ އަތޮޅުތެރޭގެ ހާލަތު ގޯސް ކަމަށް އަފްޒަލް ވިދާޅުވި އެވެ. އެހެންކަމުން ރަށްރަށަށް ގޮސްއުޅުމުގައި ސަމާލުވުމަށް އެދިވަޑައިގެންނެވި އެވެ.
"ކޮންޓެކްޓްރޭސިން ހަދާއިރު ސައްހަ މައުލޫތު ދިނުން ވެސް މުހިންމު. ކޮންޓެކްޓް ބަބުލް ކުޑަކުރަން ސަމާލު ވާން ޖެހޭނެ." ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް ބަލި ފެތުރެމުންދާތީ އެޗްޕީއޭގެ ބަންދުގައި 21 ރަށެއް އެބަ އޮތެވެ. އެންމެ ގިނަ ދުވަސް ވަންދެން ބަންދުގައި މިހާރު އޮތީ އައްޑޫ ސިޓީ އެވެ.
ރާއްޖެއިން އިއްޔެ 124 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 76 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ