ޑިމޮކްރަސީއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ނޭކުރެންދޫގައި

ވޯޓުލުމާއި ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހދ.ނޭކުރެންދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޭކުރެންދުއަށް އިލެކްޝަން ކޮމިޝަންގެ ފަރާތުން މިހާރު ކުރަމުންދާ ދަތުރުގައެވެ. މިދަތުރުގައި އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤް ވިދާޅުވީ، އެކޮމިޝަނުން ހދ.ނޭކުރެންދުއަށް ކުރަމުންދާ ދަތުރުގައި ޚާއްސަ ދެ މަސައްކަތެއް ހިމެނޭކަމަށެވެ.
އެއީ އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެއް މިވަގުތު ހުސްވެފައިވާތީ އެގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ހޮނިހިރުދުވަހު އެރަށުގައި ބާއްވާ ބައިއިލެކްޝަނާއި ވޯޓުލުމާއި ޑިމޮކްރަސީއަށް އެރަށުގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމްތަކެވެ.
ވޯޓުލުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ރަށުގެ ގޭގެއަށް ދޮރުންދޮރަށް ހިނގައި މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ފުވާދު ވިދާޅުވީ އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އިލެކްޝަންސް ކޮމިޝަނުން ޒިޔާރަތްކޮށް، ވޯޓުލުމުގެ މުހިންމުކަމާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވައި އާމުންގެ ޚިޔާލުވެސް ހޯދާފައިވާކަމަށެވެ.
"އަޅުގަނޑުމެން ހަމަ ހުރިހާ ގެތަކަށް ގޮސް، ވޯޓުލުމުގައި ޢާއްމުންގެ ޚިޔާލު ހޯދަފައި ވާނީ. އަދި މިކަމުގެ ބޭނުމާއި މުހިންމުކަމާ ގުޅޭ މަޢުލޫމާތު ދިނިން. އަދި ވޯޓާ ގުޅިގެން ޢާއްމުންނަށް ދިމާވާ ކަންކަމާއި ޢާމުންގެ ވިސްނުން ހުރިގޮތްތައްވެސް ބެލިން." ފުވާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ނޭކުރެންދުއަށް ކުރަމުންދާ ދަތުރުގައިވަނީ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ އެކި ހަރަކާތްތައްވެސް ހިންގާފައެވެ. އެގޮތުން ރަށުގެ ގޮނޑުދޮށް ސާފުކުރުމާ ގަސް އިންދުމުގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން، ޑިމޮކްރަސީއަށް އަހުލުވެރިކުރުވުމަށް ކުރެހުމުގެ މުބާރާތެއްވަނީ ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ