ބ.އަތޮޅުގެ 3ރަށެއްގެ ކަރަންޓު އެއްވިއުގައަކުން ގުޅާލަނީ

ބ.އަތޮޅުގެ ތިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ފެނަކައިން ނިންމައިފިއެވެ. މި މަސައްކަތަކީ މަރުކަޒީ އިންޖީނުގެއަކާއެކު ޚަރަދު ކުޑަކޮށް ޒަމާނީ ވިއުގައަކާއެކު ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ފެނަކައިން ކަރަންޓުގެ ޚިދުމަތް އެއްވިއުގައަކުން ގުޅާލުމަށް ނިންމާފަވަނީ ބ.ފުޅަދޫ ފެހެންދޫ އަދި ގޮއިދޫ ހިމެނޭހެންނެވެ. މި ތިން ރަށަކީ ބ.އަތޮޅުގެ އެހެން ރަށަތަކާ ދުރުގައި ވަކި ފަޅެއްގެ ތެރޭގަ އޮންނަ 3ރަށެވެ. ތިން ރަށަކީވެސް ރާއްޖޭގެ ނިސްބަތުން އާބާދީ ކުޑަ ތިން ރަށެކެވެ. ފުޅަދޫއާއި ފެހެންދޫގެވެސް އާބާދީ އުޅެނީ 300ގައެވެ. ގޮއިދޫގެ އާބާދީ 800އަށް އަރައެވެ. ތިންރަށުގެ ޖުމްލަ އާބާދީ 1500އާ ގާތްކުރެއެވެ.
ތިން ރަށަށް ކަރަންޓުދެމުން އަންނަ ފެނަކައިން މި ތިން ރަށުގެ ކަރައްޓުގެ ވިއުގަ ގުޅާލުމަށް ނިންމާފަވަނީ، އާބާދީ ކުޑަވުމާއެކު ވަކިވަކި އިންޖީނުގެތަކުން ޚިދުމަތް ދިނުމުގެ ބަދަލުގައި މަރުކަޒީ ނިޒާމުން ޚިދުމަތް ދިނުމަށެވެ. މި މަޝްރޫޢުގެ މައި މަރުކަޒީ އިންޖީނުގެ ހަދަން ނިންމާފަވަނީ ގޮއިދޫގައެވެ. ގޮއިދޫއަކީ ތިން ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި ބިމުގެ ގޮތުންވެސް އެންމެ ބޮޑު ރަށެވެ. އެރަށުގެ ބިމުގެ ބޮޑުމިނުގަ 113ހެކްޓަރު ހުރެއެވެ.
ފެނަކައިން މިހާރުވަނީ މި މަޝްރޫޢުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކުންފުނިތަކާއި ބޭރު ކުންފުނިތަކަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީއަކީ 10،000ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ރެޖިސްޓްރީވުމަށް މިމަމުގެ 29ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. ބިޑް ހުށައެޅުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހު ހެނދުނު 10:00ގައެވެ.
އެއް ވިއުގައަކުން ކަރަންޓުގެ ޚިދުމަތް ގުޅާލުމަކީ ޒަމާނީ ޚިދުމަތެއް ދިނުމަށް މަގުފަހިވުމާ ޚިދުމަތް ދިނުމަށް ފަސޭހަވެ އަދި ޚަރަދުވެސް ކުޑަވާނެ ކަމެކެވެ. 3ރަށުގެ ކަރަންޓު ގުޅާލާނީ، ކަނޑު ހުރަސްކޮށް އަޅާ ކޭބަލް ނެޓްވަރކަކުންނެވެ. މިއާއެކު 3ރަށުގެ ކަރަންޓުގެ މުޅި ނިޒާމުވެސް ބަލަހައްޓާނީ ގޮއިދޫގަ ހަދާ މަރުކަޒީ އިންޖީނުގެއިންނެވެ. މި މަޝްރޫއާއެކު 3ރަށަށް އެކަށީގެން ފެންވަރު ރަނގަޅު ހަކަތައިގެ ނިޒާމެއް ޤައުމުކުރެވިގެންދާނެއެވެ.
ފެނަކައަކީ އަތޮޅުތަކުގެ 150އަށްވުރެ ގިނަ ރަށަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ފެނަކައިން ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން އައްޑޫގެ ގުޅިފަވާ ރަށްތަކުގެ ކަރަންޓުވަނީ އެއް ވިއުގައަކުން ގުޅާލާފައެވެ. އަދި ލ.ގަމުގެ 3އަވަށުގައި ކުރިން ވަކިވަކިން ހިންގަމުންއައި އިންޖީނުގެތަކުގެ ޚިދުމަތްވެސްވަނީ މަރުކަޒީ އިންޖީނުގެއެއް މެދުވެރިކޮށް ގުޅާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ