މިނިވަންކަމަށް ޓަކައި ހަނގުރާމަކުުރުމަށް ދިވެހީން ފަސްނުޖެހޭނެ: އުމަރު

މިނިވަންކަމަށް ޓަކައި ދިވެހީންނަކީ ކޮންމެ ފަދަ ގުރުބާނެއް ވުމަށް ވެސް ފަސްނުޖެހޭނެ ބައެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހާ ގުޅިގެން އުމަރު އިސްކޮށް ހުންނަވައި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންްއޭ)އިން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ދިވެހީންނަކީ ހިތްވަރުގަދަ ބައެެއްްކަމަށެވެ. އޭނާ ވިދާޅުވީ ދިވެހީންނަކީ މިނިވަންކަމަށް ޓަކައި ގުރުބާންވުމަށް އެއްވެސް މިންވަރަކަށް ފަސްނުޖެހޭނެ ބައެއްކަމަށެވެ. އަދި އެއްވެސް ބަޔަކު ދިވެހީން ދެރަކޮށްލުމުގެ ގޮތުން އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން ދިވެހިންނަކީ ހަނގުރާމަ ކުރާ ބައެއް. މިނިވަންކަމާ ދެކޮޅަށް ބަޔަކު ތެދުވެއްްޖެޔާ. ކޮންމެ ފަހަރަކު ވެސް ދިވެހީންގެ ބަޔަކު ޝަހީދުވޭ،" އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ކުރީގެ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާވެސް އޭނާ ގާތު ދިވެހީންގެ ހިތްވަރުގެ ވާހަކަދައްކަވާފައިވާކަމަަށެވެ. "އަކިލޭޝް ބުނީ ދިވެހީންނަކީ މިނިވަންކަމަށް ޓަކައި ހަނގުރާމަ ކުރާ ބައެކޭ. ތިމަންނަމެންނަށް އެނގެޔޭ އެކަން. އެހެންވީމާ މިއަދު އަޅުގަނޑު ފާހަގަކޮށްލައިފައި ދަންނަވާލަން ބޭނުންވާ އެއްޗެއް. އަޅުގަނޑު އުންމީދުކުރަން އަކިލޭޝްގެ ގައުމުގެ ސިޔާސީ ހުރިހާ ބޭފުޅުންނަށް ވެސް އެކަން އެނގޭނެކަމަށް،" އުމަރު ވިދާޅުވިއެވެ. ނޮވެމްބަރު 3، 2021: ނަސްރުގެ ދުވަހާ ގުޅިގެން އުމަރު އިސްކޮށް ހުންނަވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންްއޭ)އިން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި އުމަރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން ޖަލްސާގައި ވާހަކަދައްކަވަމުން އުމަރުވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަވާފައެވެ. އެގޮތުން މިހާރުގެ ޖީލަށް ނޮވެމްބަރު ތިންވަނަ ދުވަހުގެ އުދުވާން ހިނގައިދޔަ ގޮތާމެދު އޮޅުން އަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަތިޔާރާއެކު ތަމްރީން ހަދައި، ހަނގުރާމައަަށް ތައްޔާރު ބަޔަކު އެއްވެސް ގައުމަކަށް ހަމަލައެއް ދިނުމަކީ މިއަދުގެ ނިސްބަތުން ވެސް ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. އެއީ ދިފާއުކުރަން އެއްވެސް މިންވަރަކަށް ފަސޭހަކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ މި ހަމަލާގައި ދިވެހި ސިފައިން ދައްކުވައިދިން މިސާލަކީ އަޅުގަނޑުމެން އެންމެން ސެލިއުޓްކުރަންޖެހޭފަދަ ކަމެއް. އެ ދުވަހު އެ ހަމަލާ ކުއްލިއަކަަށް އައި ގަޑީގައި ދިފާއުނުކުރިނަމަ މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިބޭނީ ދިވެހީންނެއް ނޫން. ލުތުފީއެއް ވެސް ނުހުންނާނެ ދިވެހިރާއްޖޭގެ ވެރިކަމުގައި. ވެރިކަމުގައި ތިބޭނީ ތަމަޅައިން،" އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން މިފަދަ ދުވަސްތައް ފާހަގަނުކުރިޔަސް މި ދުވަހަކީ ދިވެހި ރައްޔިތުން އަބަދުވެސް ފާހަގަކުރާނެ ދުވަހެއްކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ