އިންސާނުންގެ ކަކުލުގައި ކުރިން ހޯދިފައި ނުވާ އާ ލިގަމެންޓެއް!

އިންސާނުންގެ ކަކުލުގައި ކުރިން ނޭނގޭ އިތުރު ލިގަމެންޓެއް ވާކަން ބެލްޖިއަމްގެ ސައެންސްވެރިން ހޯދައިފި އެވެ.
"ޖާނަލް ފޯ އެނަޓޮމީ"ގައި ޝާއިއުކޮށްފައިވާ ދިރާސާގައި ވަނީ ފުރަތަމަ ފަހަރަށް މިލިގަމަންޓުގެ އެނަޓޮމިކަލް ތަފްސީލްތައް ހިއްސާކޮށްފަ އެވެ. މިލިގަމަންޓަށް ސައެންސްވެރިން ދީފައިވާ ނަމަކީ "އެންޓިރޯލެޓަރަލް ލިގަމަންޓް" ނުވަތަ ކުރުކޮށް ކިޔާ ގޮތުން ނަމަ "އޭއެލްއެލް" އެވެ.
ޖާނަލް ފޯ އެނަޓޮމީގައި ބުނެފައި ވަނީ މިލިގަމަންޓަކީ ފައިބްރަސް ޓިޝޫ އެކުލެވޭ ލިގަމަންޓެއް ކަމަށާއި، އޭގެ ބޭނުމަކީ އިންސާނުންގެ "ފީމާ" (ފަލަމަސްގަނޑުގެ ކަށިގަނޑު) އަދި "އެންޓިރޯލެޓަރަލް ޓީބިއާ" (ފައިގެ ކަށިމަތި) ގުޅުވައިދިނުން ކަމަށެވެ.
މިދިރާސާ ހެދުމަށް ޓަކައި ބެލްޖިއަމްގެ ސައެންސްވެރިން ވަނީ މަރުވެފައިވާ އިންސާނުންގެ ކަކޫ ފަޅައިގެން ދިރާސާކޮށްފަ އެވެ. މިގޮތުން ފަޅައިގެން ބެލި 41 ކަކުލުގެ ތެރެއިން 40 ކަކުލުގައި މިލިގަމަންޓް ހިމެނޭ ކަމަށް ޖާނަލް ފޯ އެނަޓޮމީގައި ލިޔެފައިވެ އެވެ.
ހޯދިފައި ނުވާ އިތުރު ލިގަމަންޓެއް ކަކުލުގައި ވާ ކަމަށް ބުނެ ތިއަރީއެއް އެންމެ ފުރަތަމަ އެކުލަވާލާފައި ވަނީ 1879 ގައި ފަރަންސޭސިވިލާތުގެ ސާޖަން އެއް ކަމަށްވާ ޕޯލް ސެގޮންޑެވެ. ނަމަވެސް އޭރު ޕޯލް ސެގޮންޑުގެ ތިއަރީ ސާބިތުކުރެވޭނެ ގޮތެއް ނެތި އޮތުމަށް ފަހު، ބެލްޖިއަމްގެ ސައެންސްވެރިން މަސައްކަތް ފަށާފައި ވަނީ ޕޯލް ސެގޮންޑުގެ ތިއަރީ ބޭނުންކޮށްގެން ނެވެ.
ސައެންސްވެރިން ބުނީ އެންޓިރޯލެޓަރަލް ލިގަމަންޓަކައި ފައިބާ ޓިޝޫގެ މައްޗަށް އެކުލެވޭ ހުދު ކުލައިގެން ބޭންޑެއް ކަމަށެވެ.
މިހޯދުމުގެ ސަބަބުން ކަކުލުގެ ލިގަމަންޓް ހަލާކުވެގެން ކުރާ ސާޖަރީތަކާއި އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް އައިސްގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެވެ އެވެ. މިގޮތުން "އެންޓީރިއާ ކުރޫޝިއޭޓް ލިގަމަންޓް" ހަލާކުވެގެން ކުރާ ބައެއް އޮޕަރޭޝަންތައް ނާކާމިޔާބުވުމުގެ ސަބަބަކީ "އެންޓިރޯލެޓަރަލް ލިގަމަންޓް" އަށް ލިބިފައިވާ ގެއްލުން ދެނެގަންނަން ނޭނގުމުގެ ސަބަބުން އެކަމަށް ފަރުވާ ނުކުރެވުން ކަމަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް މިކަންކަން ސާބިތުކުރުމަށް އިތުރު ދިރާސާތައް ބޭނުންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ